ތިލަފުށީ ބަނދަރު މަރާމާތުގެ މަސައްކަތް 91 ޕަސަންޓް ނިމި، ޓްރާންޝިޕްމަންޓް ބަނދަރުގެ ތައްޔާރީތައް ކުރިއަށް

ތިލަފުށީ ބަނދަރު މަރާމާތުގެ މަސައްކަތް 91 ޕަސަންޓް ނިމި، ޓްރާންޝިޕްމަންޓް ބަނދަރުގެ ތައްޔާރީތައް ކުރިއަށް

Author
ޙަސަން މުޙައްމަދު
03 ސެޕްޓެމްބަރ 2025 01:55
0

ކ. ތިލަފުށީގައި ކުރިއަށްދާ ބަނދަރު މަރާމާތުކުރުމުގެ މަސައްކަތުގެ 91 އިންސައްތަ ނިމި، މިހާރު ކޮންކްރީޓް އާއި ޕޭވްމަންޓް މަސައްކަތް ކުރިއަށްދާކަމަށް އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ތިލަފުށީ ބަނދަރުގެ މަރާމާތުގެ މަސައްކަތް ކުރަމުންދާ އިރު، މާލޭ ވިޔަފާރި ބަނދަރުގެ ބަދަލުގައި ތިލަފުށީގައި ޓްރާންޝިޕްމަންޓް ބަނދަރެއް ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވެއެވެ. މީގެ އިތުރުން، މާލޭ ވިޔަފާރި ބަނދަރުގެ ޚިދުމަތްތައް ތިލަފުށްޓަށް ބަދަލުކުރުމާ ގުޅިގެން، ނޯތު ހާބަރާއި ޓީޖެޓީގެ ޚިދުމަތްތައް ވެސް އެ ސަރަހައްދަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އިން ބުނެފައިވެއެވެ.

ތިލަފުށީގައި ބަނދަރު ތަރައްޤީކުރުމަށްޓަކައި 20 ހެކްޓަރުގެ ބިމެއް ސަރުކާރުން ހަމަޖައްސައި، ބަނދަރުގެ ކޮންސެޕްޓް ޑިޒައިން ވެސް ވަނީ އެކުލަވާލައި ނިމިފައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ބަނދަރުގެ ޚިދުމަތްތަކުގައި ބޮޑު ބަދަލެއް ގެނެސްދޭނެ މުހިންމު މަޝްރޫޢެކެވެ.

ކުރީގެ ސަރުކާރުން ގުޅިފަޅުގައި އެޅުމަށް ހަމަޖެހިފައިވި ބަނދަރު ތިލަފުށްޓަށް ބަދަލުކުރުމަށް ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ނިންމެވިކަން އިޢުލާނުކުރެއްވީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 4 ވަނަ ދުވަހުއެވެ. މި ނިންމުމާއެކު ތިލަފުށި ވަނީ ރާއްޖޭގެ ވިޔަފާރި އާއި ލޮޖިސްޓިކްސް ދާއިރާގެ މުހިންމު މަރުކަޒަކަށް ވެގެންދާނެ ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.