އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތްކުރާ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށްޓަކައި ޚާއްސަ އޮނިގަނޑެއް ފުރަތަމަ ފަހަރަށް އެކުލަވާލައި މިއަދު އަމަލުކުރަން ފަށައިފިއެވެ. މި އޮނިގަނޑަކީ ކޮމިޝަނުގެ މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ ސުލޫކީ އަދި ފަންނީ ގާބިލުކަންތައް ކަނޑައަޅާ މުހިންމު ލިޔުމެކެވެ.
އޭސީސީގައި މިއަދު ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި މި އޮނިގަނޑު އިފުތިތާހުކޮށްދެއްވީ ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަޙްމޫދު ޝައުގީއެވެ. އެ ކޮމިޝަނުން ވިދާޅުވީ މި އޮނިގަނޑު ތައްޔާރުކުރެވިފައިވަނީ ގާނޫނު އަސާސީއާއި ކޮމިޝަނުގެ ގާނޫނުން ލާޒިމުކުރާ މަސްއޫލިއްޔަތުތައް އަދާކުރުމަށް ބޭނުންވާ ތަސައްވުރާއި ލަނޑުދަނޑިތައް ހާސިލުކުރުމުގެ މަގްސަދުގައި ކަމަށެވެ.
މި އޮނިގަނޑު އެކުލެވިގެންވަނީ ޖެނެރަލް ކޮމްޕީޓެންސީ، ޓެކްނިކަލް ކޮމްޕީޓެންސީ އަދި މެނޭޖީރިއަލް ކޮމްޕީޓެންސީގެ ނަމުގައި މައިގަނޑު ތިން ބަޔަކަށެވެ. ޖެނެރަލް ކޮމްޕީޓެންސީގައި ހިމެނެނީ ކޮމިޝަނުގެ އެންމެހައި މުވައްޒަފުންގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ސިފަތަކާއި ހުނަރުތަކެވެ. ޓެކްނިކަލް ކޮމްޕީޓެންސީގައި ފާހަގަކޮށްފައިވަނީ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ކޮންމެހެން ބޭނުންވާ ޢިލްމާއި ފަންނީ ގާބިލުކަމެވެ. މެނޭޖީރިއަލް ކޮމްޕީޓެންސީގައި ބަޔާންކުރަނީ އިދާރާގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ޓީމުތަކަށް މަގުދެއްކުމަށް ބޭނުންވާ ހުނަރުތަކާއި ސިފަތަކެވެ.
ކޮންމެ ކޮމްޕީޓެންސީއެއްގައިވެސް ބޭސިކް، އިންޓަމީޑިއޭޓް އަދި އެޑްވާންސް ނަމުގައި ތިން ފަންތިއެއް ކަނޑައަޅާފައިވާއިރު، މި ފަންތިތައް ކަނޑައެޅިފައިވަނީ މުވައްޒަފުންގެ މަގާމުތަކާއި ދަރަޖަތަކަށް ރިޢާޔަތްކޮށްގެންނެވެ.
އޭސީސީގެ ވިދާޅުވުމުގައި މި އޮނިގަނޑުގެ މުހިންމު މަގްސަދުތަކުގެ ތެރޭގައި މަގާމުގެ މަސައްކަތަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ސާފުކޮށް ލިޔެވި ފެންނަން އޮތުމާއި، ނަތީޖާ ރަނގަޅުކުރުމަށް ތަރައްގީކުރަންޖެހޭ ކަންތައްތައް ދެނެގަތުމާއި، މުވައްޒަފުން އުނގެނި ދަސްކުރުމަށް ބޭނުންކުރެވޭނެ މަގުޗާޓެއް ތައްޔާރުކުރުން ހިމެނެއެވެ.
މި އޮނިގަނޑުގެ ސަބަބުން ކޮމިޝަންގެ މުވައްޒަފުންނަށް އެމީހުންގެ މަގާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ސިފަތަކާއި ހުނަރުތައް ސާފުކޮށް އެނގި، ނަތީޖާއެއްގެ ގޮތުން ކޮމިޝަނަކީ ގާބިލު މުވައްޒަފުން މަސައްކަތްކުރާ، ކޮރަޕްޝަނާ ދެކޮޅަށް ނަތީޖާ ނެރޭ މުއައްސަސާއަކަށް ވާނެކަމަށް އޭސީސީން އުންމީދުކުރެއެވެ.
ނަމަވެސް އޭސީސީގައި ފަސް މެންބަރުން ތިއްބަވާއިރު، ރާއްޖޭގައި ހިނގާ ބޮޑެތި ކޮރަޕްޝަން މައްސަލަތައް ހުއްޓުވުމުގައި އެ ކޮމިޝަނުން ފެއިލްވެފައިވާކަމަށް ބުނެ އާންމު ރައްޔިތުންނާއި ސިޔާސީ އެކި ފިކުރުގެ ބަޔަކު އަބަދުވެސް ފާޑުކިޔަމުން އަންނަކަމީ ފާހަގަކުރެވޭ ކަމެކެވެ.
ކޮމެންޓު ފޮނުވާ