ސަރުކާރުން މީޑިއާތައް ކޮންޓްރޯލްކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް އެއްވެސް އިސްލާހެއް ނުގެނެސް ބޭރުކޮށްލުމަށް ދިވެހިރާއްޖޭގެ މީޑިއާތަކުން މިއަދު އެއް އަޑަކުން ގޮވާލައިފިއެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މި ބިލް ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމުގައި ބައިވެރިވި 22 މީޑިއާގެ ތެރެއިން 21 މީޑިއާއަކުން ވަނީ މި ބިލަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމަށް ބޮޑު ހުރަސްއެޅޭ ބިލެއް ކަމުގައި ފާހަގަކޮށްފައެވެ.
ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހެޅުއްވި މި ބިލުގައި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނެއް އުފައްދައި، އެ ކޮމިޝަނަށް މީޑިއާތައް ކޮންޓްރޯލްކުރުމުގެ ފުޅާ ބާރުތަކެއް ދިނުމަށް ވަނީ ހުށަހަޅާފައެވެ. ކޮމިޝަނުގެ ހަތް މެންބަރުންގެ ތެރެއިން ތިން މެންބަރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ގޮތަށް ހަމަޖެހިފައިވާއިރު، ކޮމިޝަނުގެ ރައީސްކަން ވެސް ކުރައްވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ފަރާތެކެވެ.
"ހަތާވީސް" އޮންލައިންގެ އެޑިޓަރު އާދަމް ނަޒީރު ކޮމިޓީގައި ވާހަކަދައްކަވަމުން ވިދާޅުވީ، މި ބިލަކީ ނޫސްވެރިން ލިޔާ ލިއުންތަކާ ގުޅުވައި ފިޔަވަޅު އެޅުމަށް މަގުފަހިކުރާ ބިލެއް ކަމަށެވެ. ނޫސްވެރިންގެ އަސާސީ ޒިންމާއަކީ ދައުލަތް ޒިންމާދާރުކުރުވުން ކަމަށާއި، ދައުލަތް ނެގެހެއްޓުމަށް ނޫސްވެރިންނަށް ސުލޫކީ މިންގަނޑެއް ކަނޑައެޅުމަކީ ދުނިޔޭގެ އެއްވެސް ޑިމޮކްރަސީއެއްގައި ޤަބޫލުކުރާ ކަމެއް ނޫންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތަޖުރިބާކާރު ނޫސްވެރިޔާ "ދައުރު" ނޫހުގެ މެނޭޖިން އެޑިޓަރު އަހްމަދު ޒާހިރު (ހިރިގާ) ވިދާޅުވީ، މި ބިލަކީ މަޖިލީހުން އިސްލާހުކުރެވޭ ފެންވަރަށްވުރެ ވެސް ދަށު ފެންވަރުގައި އޮތް ބިލެއް ކަމަށެވެ. ގިނަ ޕާޓީތައް އެކުލެވޭ ޑިމޮކްރަސީއެއްގައި ތަފާތު ޚިޔާލުތައް ފާޅުކުރުމަށް ފުރުސަތު އޮންނަންޖެހޭއިރު، ވަކި ފިކުރެއް ޕްރޮމޯޓްކުރުން މަނާކުރާ ގޮތަށް ބިލުގައި މާއްދާ ހިމެނިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. 2008 ވަނަ އަހަރު ތަސްދީގުކުރި ގާނޫނުއަސާސީން ކަށަވަރުކޮށްދިން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މި ބިލުން ނިގުޅައިގަންނަން މަސައްކަތްކުރާކަމަށް ހިރިގާ ވިދާޅުވިއެވެ.
"މިހާރު" ނޫހުގެ މެނޭޖިން އެޑިޓަރު މުއިއްޒު އިބްރާހީމް ފާހަގަކުރެއްވި އެންމެ ބޮޑު ކަންބޮޑުވުމަކީ، ބިލުގައިވާ ގޮތުން އާންމު ސިއްހަތަށް ނުރައްކާވާނެ ކަމަށް ބުނެ، ކޯޓު އަމުރެއް ނެތި ދައުލަތުގެ އިދާރާތަކުން މީޑިއާ އޮފީސްތަކަށް ވަދެ އޮޕަރޭޝަން ހުއްޓުވާލެވޭނެ ކަމެވެ. މިއީ ގާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަމިއްލަ މިލްކުވެރިކަމުގެ ހައްގާ ސީދާ ތައާރުޒުވާ ކަމެއް ކަމުގައި އޭނާ ވިދާޅުވިއެވެ.
މުއިއްޒު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މީޑިއާތަކަކީ ސަރުކާރުގެ އެހީއަކާ ނުލައި ޕްރައިވެޓް ސްޕޮންސަރޝިޕްތަކަށް ބަރޯސާވެ ހިންގާ ވިޔަފާރިތަކެވެ. ކުއްލިއަކަށް އޮޕަރޭޝަން ހުއްޓުވާލުމުން ގެއްލުން ލިބެނީ މީޑިއާއަށް އެކަނި ނޫން، ސްޕޮންސަރުންނާއި އެހެނިހެން ތިންވަނަ ފަރާތްތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. ޑޮކްޓަރުންނާއި ވަކީލުން ފަދަ ޕްރޮފެޝަނަލުން ރެގިއުލޭޓްކުރަނީ އެ ދާއިރާގެ ތަޖުރިބާކާރުން ހިމެނޭ ސެލްފް ރެގިއުލޭޓަރީ ނިޒާމެއްގެ ތެރެއިން ކަމަށާއި، މީޑިއާ ކައުންސިލްގެ ނިޒާމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް އެއްވެސް ސަރުކާރަކުން މަސައްކަތެއް ނުކުރާކަން ވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.
ބިލުގައި ހިމެނޭ އެހެން ބާރުތަކުގެ ތެރޭގައި ކޮމިޝަނުން އަންގާ ކަމެއް އިސްލާހުނުކޮށްފިނަމަ 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ ޖޫރިމަނާކުރުމާއި، ގާނޫނާ ޚިލާފުވެއްޖެނަމަ 100،000 ރުފިޔާއިން ޖޫރިމަނާކުރުން ހިމެނެއެވެ. މީގެ އިތުރުން ކޯޓު މަރުހަލާ ނުނިމެނީސް ނޫހުގެ ރަޖިސްޓްރީ ބާތިލުކުރުމާއި، ވެބްސައިޓް ބްލޮކްކުރުމާއި، ޓީވީ ބްރޯޑްކާސްޓް ހުއްޓުވުމުގެ ބާރު ވެސް ކޮމިޝަނަށް ލިބިދޭ ގޮތަށް ބިލުގައި ވަނީ ހިމަނާފައެވެ. ހައިރާންކުރުވަނިވި ކަމަކީ ކޮމިޝަން އުފެދުމުގެ އަހަރެއް ކުރިން ހިނގި ކަންކަން ވެސް ބެލުމުގެ ބާރު ކޮމިޝަނަށް ދިނުމެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން އިއްޔެ ބްރޯޑްކާސްޓިން ކޮމިޝަނާއި މީޑިއާ ކައުންސިލާ ބައްދަލުކޮށް، މިއަދު ވަކިވަކި މީޑިއާތަކާ މަޝްވަރާކުރިއިރު، ހުރިހާ ފަރާތްތަކުން ވެސް ވަނީ މި ބިލާ މެދު ބޮޑު ކަންބޮޑުވުން ފާޅުކޮށްފައެވެ. ބިލު ދިރާސާކުރުމުގެ ނަމުގައި ވަގުތު ނަގައިގެން އަނެއްކޮޅުން ފާސްކުރުމުގެ ބަދަލުގައި، އެއްވެސް އިސްލާހެއް ނުގެނެސް ވަގުތުން ބޭރުކޮށްލުމަށް މީޑިއާތަކުން ގޮވާލަނީ އެއް އަޑަކުންނެވެ.
ކޮމިޓީން ބިލާ ގުޅޭގޮތުން ނޫސްވެރިންގެ ޖަމިއްޔާ އެމްޖޭއޭ އާއި ޔޫތު މިނިސްޓްރީއާ ބައްދަލުކުރުމަށް ތާވަލުކޮށްފައިވާއިރު، މި ބިލުގެ ތަކުދީރު ކިހިނެއްވާނެކަމެއް މިހާތަނަށް ސާފެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ