އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ސުޕްރީމް ކޯޓުގައި ދަޢުވާ ކުރަން ބ. އަތޮޅު ކައުންސިލުން ނިންމައިފި

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ސުޕްރީމް ކޯޓުގައި ދަޢުވާ ކުރަން ބ. އަތޮޅު ކައުންސިލުން ނިންމައިފި

Author
ޙަސަން މުޙައްމަދު
01 ސެޕްޓެމްބަރ 2025 09:05
0

ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލުމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ނިންމެވުމާ ގުޅިގެން، އެކަމާ ދެކޮޅަށް ސުޕްރީމް ކޯޓުގައި ދަޢުވާ ކުރުމަށް ބ. އަތޮޅު ކައުންސިލުން ނިންމައިފިއެވެ.

އއ. މަތިވެރީގައި ރައްޔިތުންނާ ބައްދަލުކުރައްވަމުން ރައީސް މުއިއްޒު ވިދާޅުވެފައިވަނީ، އަތޮޅު ކައުންސިލްތަކަކީ ބޭނުމެއް ނެތް އެއްޗެއް ކަމަށާއި، އެކަން ކޮންމެ ރަށެއްގެ ރަށު ކައުންސިލުން ވެސް ހެކިވާނެ ކަމަށެވެ. އަދި އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގެ ކުރިން އަތޮޅު ކައުންސިލްތައް އުވާލުމަށް ޤާނޫނުއަސާސީ އިޞްލާޙުކުރާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

ރައީސްގެ ވިދާޅުވުމުގައި، މަޖިލީހުގެ ޖަލްސާތައް ފެށުމުން އަތޮޅު ކައުންސިލްތައް އުވާލުމަށް ބޭނުންވާ ޤާނޫނުއަސާސީގެ އިޞްލާޙު ހުށަހަޅުއްވާނެ ކަމަށާއި، އަންނަ އިންތިޚާބުގައި ރައްޔިތުން ވޯޓުލާއިރު އަތޮޅު ކައުންސިލަށް ވޯޓުލާކަށް ނުޖެހޭނެ ކަމަށް ވެސް ވިދާޅުވިއެވެ. މީގެ އިތުރުން، އަތޮޅު ކައުންސިލްގެ ފަށަލަ އުވާލުމުން ރައްޔިތުން އިތުރަށް ބާރުވެރިވާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސްގެ މި ނިންމެވުމާ ގުޅިގެން، މިދިޔަ ބުރާސްފަތި ދުވަހު ބޭއްވުނު ބ. އަތޮޅު ކައުންސިލްގެ ބައްދަލުވުމުން ވަނީ އަތޮޅު ކައުންސިލްތައް އުވާލުމުގެ މަސައްކަތް ހުއްޓުވުމަށް މަޖިލީހަށް ގޮވާލައި ބަޔާނެއް ނެރުމަށް ނިންމާފައެވެ.

މީގެ އިތުރުން، މި ދުސްތޫރީ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅުމަށާއި، އެހެން އަތޮޅުތަކުގެ ކައުންސިލްތަކަށް ދަޢުވަތު ދީގެން މާލޭގެ މަގުތަކުގައި އިޙްތިޖާޖީ ހަރަކާތެއް ކުރިއަށް ގެންދިއުމަށް ވެސް ބ. އަތޮޅު ކައުންސިލުން ނިންމާފައިވެއެވެ. މި ނިންމުމަކީ އަތޮޅު ކައުންސިލްތަކުގެ ދައުރާއި ބާރުތައް ހިމާޔަތްކުރުމަށް އެޅޭ ފިޔަވަޅެއްގެ ގޮތުގައި ބ. އަތޮޅު ކައުންސިލުން ފާހަގަކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.