ދިވެހިރާއްޖޭގެ ގައުމީ އިންޖިނޭރުންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ކުންފުނީގެ އިންޖިނޭރުންނަށް ޚާއްޞަ ޙަފްލާއެއް ބޭއްވުމާއެކު، އެ ފަންނުވެރިންނަށް ރަތް ދޫލައިން މަރުޙަބާ ކިޔައިފިއެވެ.
އިއްޔެ ބޭއްވުނު މި ޙަފްލާގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ހުސެއިން ފަހުމީ ވިދާޅުވީ، ރާއްޖޭގެ ތަރައްޤީއަށާއި ރައްޔިތުންގެ ފަސޭހަ ދިރިއުޅުމަށް އިންޖިނޭރުން ކުރައްވާ މުހިންމު ދައުރު އަގުވަޒަންކުރައްވާ ކަމަށެވެ. އަދި ޚާއްޞަގޮތެއްގައި ސްޓެލްކޯގެ އިންޖިނޭރުން ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތަށް ހިތުގެ ފުންމިނުން ޝުކުރު އަދާކުރައްވާ ކަމަށް ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ، އެކި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިންޖިނޭރުންގެ ފަންނީ ހުނަރާއި ޤާބިލިއްޔަތު ނުލައި، މިއަދު ރައްޔިތުންނަށް ލިބޭ ޒަމާނީ ފަސޭހަތަކާއި ތަރައްޤީގެ ކުރިއެރުން ހާސިލުވާނެ ކަމަކަށް ނުވާނެ ކަމަށެވެ. ޤައުމުގެ އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި، ޓެކްނޮލޮޖީގެ ކުރިއެރުން ހޯދުމުގައި އިންޖިނޭރުންނަކީ ނުހަނު މުހިންމު ބައެއް ކަމަށް ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ޙަފްލާގައި ސްޓެލްކޯގައި ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވާފައިވާ އިންޖިނޭރުންނާއި، ކުންފުނީގެ ތަރައްޤީއަށް ޚާއްޞަ އިސްކަމެއް ދެއްވާފައިވާ އިންޖިނޭރުންގެ މަސައްކަތް ވެސް ވަނީ ފާހަގަކޮށްފައެވެ. މީގެ އިތުރުން، ކުންފުނީގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރައްވާ އިންޖިނޭރުންގެ މެދުގައި ގުޅުން ބަދަހިކުރުމަށް ޙަފްލާގައި އެކި ޙަރަކާތްތައް ވެސް ވަނީ ހިންގާފައެވެ.
އިންޖިނޭރުންގެ ޤައުމީ ޚިދުމަތްތައް އަގުވަޒަންކުރެއްވުމުގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ކޮންމެ އަހަރެއްގެ އޯގަސްޓް 30 ވަނަ ދުވަސް ދިވެހިރާއްޖޭގެ ގައުމީ އިންޖިނޭރުންގެ ދުވަހުގެ ގޮތުގައި ކަނޑައަޅުއްވާފައެވެ. މިއީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް އިންޖިނޭރުން އަދާކުރައްވާ މުހިންމު ދައުރު ދައުލަތުގެ ފަރާތުން ރަސްމީކޮށް ފާހަގަކުރާކަމުގެ ނިޝާނެކެވެ.
ކޮމެންޓު ފޮނުވާ