ޔަމަނުގެ ބޮޑުވަޒީރު އަހްމަދު ޣާލިބް އަލް-ރަހްވީ އާއި ދިފާއީ ވަޒީރު ފަދަ ސަރުކާރުގެ އިސްވެރިންތަކެއް ބުރާސްފަތި ދުވަހު ވެރިރަށް ޞަންޢާގައި އިސްރާއީލުން ދިން ވައިގެ ހަމަލާއެއްގައި ޝަހީދުވެއްޖެއެވެ. މި ޚަބަރު ހޫޘީންގެ ސުޕްރީމް ޕޮލިޓިކަލް ކައުންސިލްގެ ރައީސް މަހްދީ އަލް-މަޝާތް ހޮނިހިރު ދުވަހު ވަނީ އާންމު ކޮށްފައެވެ.
ހޫޘީން ކޮންޓްރޯލްކުރާ ނިއުސް އެޖެންސީން ރިޕޯޓު ކުރި ގޮތުގައި، މި ހަމަލާގައި އިތުރު ބަޔަކު ޒަޚަމްވެފައިވާ އިރު، ތަފްސީލީ މަޢުލޫމާތު އަދި ހާމަކޮށްފައެއް ނުވެއެވެ. ހުކުރު ދުވަހު އިސްރާއީލުގެ ސިފައިން ހާމަކުރި ގޮތުގައި، މި އޮޕަރޭޝަން އަމާޒުކޮށްފައި ވަނީ ހޫޘީންގެ ދިފާއީ ވަޒީރު، ޗީފް އޮފް ސްޓާފް އަދި އެހެން އިސް އޮފިޝަލުންނަށް ކަމަށާއި، ހަމަލާގެ ނަތީޖާ ދިރާސާކުރަމުންދާ ކަމަށެވެ.
ރިޕޯޓުތަކުން އެނގޭ ގޮތުގައި، މި ހަމަލާ ދެވުނީ ވޭތުވެދިޔަ އަހަރުގެ ސަރުކާރުގެ މަސައްކަތްތައް ވަޒަންކުރުމަށް ބާއްވާފައިވާ ސަރުކާރުގެ އާންމު ބައްދަލުވުމެއްގައި މިނިސްޓަރުން ބައިވެރިވެ ތިބި ވަގުތެއްގައެވެ. ހޫޘީންގެ ރިޔާސީ ބަޔާނަކުން މި މަޢުލޫމާތު ވަނީ ހާމަކޮށްފައެވެ.
ގާތްގަނޑަކަށް އަހަރެއް ކުރިން ބޮޑުވަޒީރު ކަމަށް އިސްކުރެވުނު އަލް-ރަހްވީ އަކީ، ގިނަ ފަރާތްތަކުން ދެކޭ ގޮތުގައި ހޫޘީ ލީޑަރޝިޕްގެ މާބޮޑު ދައުރެއް ނެތް ނަމުގައި ހުންނެވި ބޮޑުވަޒީރެކެވެ. އޭނާ އަވަހާރަ ވުމުން، ސަރުކާރު ހިންގުމުގެ ޒިންމާ މިހާރު އުފުލަމުން އައީ އޭނާގެ ނައިބު މުހައްމަދު މުފްތާހް ކަމަށް ވެސް ރިޕޯޓުތަކުން އެނގެއެވެ. ހޮނިހިރު ދުވަހު މުފްތާހްއާ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތު ހަވާލުކުރެވުނު ކަމަށް ވަނީ އިޢުލާނުކޮށްފައެވެ.
ދިފާއީ ވަޒީރު މުހައްމަދު އަލް-އަތީފީ އަކީ ހޫޘީންގެ މިސައިލް ބްރިގޭޑްގެ އިސްވެރިޔެއްގެ ގޮތުގައި މަޝްހޫރު، އެ ޖަމާޢަތުގެ އެންމެ މުހިންމު މިސައިލް ތަޖުރިބާކާރެކެވެ. އޭނާގެ ޝަހީދުވުމުގެ ޚަބަރު ރަސްމީކޮށް އިޢުލާނުކުރުމުގެ ކުރިން، ހޫޘީންގެ ނިއުސް އެޖެންސީން ދިފާޢީ ވަޒީރުގެ ނަމުގައި ބަޔާނެއް ނެރެ، އިސްރާއީލާ ކުރިމަތިލުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފައިވެއެވެ. އެހެންނަމަވެސް މި ބަޔާނުގައި ބުރާސްފަތި ދުވަހުގެ ހަމަލާގެ ވާހަކައެއް ނުހިމެނޭ އިރު، ބަޔާން ނެރުނީ ހަމަލާގެ ކުރިންތޯ ފަހުންތޯ ސާފެއް ނުވެއެވެ.
އިސްރާއީލުގެ ސިފައިން ބުނި ގޮތުގައި، މިއީ އިންޓެލިޖެންސް މަޢުލޫމާތާއި ވައިގެ ބާރު ގުޅުވައިގެން ހިންގި ކޮމްޕްލެކްސް އޮޕަރޭޝަނެކެވެ. ސެކިއުރިޓީ މަސްދަރުތަކުން ހާމަކުރި ގޮތުގައި، ހަމަލާގެ އަމާޒަކީ ހޫޘީ ލީޑަރު އަބްދުލް މަލިކް އަލް-ހޫޘީގެ ރެކޯޑްކުރި ތަޤްރީރެއް ބެލުމަށް އެ ޖަމާޢަތުގެ އިސްވެރިން އެއްވެފައިވާ ތަންތަނެވެ.
ޑިސެމްބަރު މަހު އިސްރާއީލުގެ ދިފާޢީ ވަޒީރު އިސްރާއީލް ކަޓްޒް ވަނީ ހޫޘީ ލީޑަރުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށް އިންޒާރުދީފައެވެ. މި ހަމަލާއަކީ އެ އިންޒާރުގެ ޢަމަލީ ސިފަ ކަމަށް ބެލެވެއެވެ.
2014 ވަނަ އަހަރު ޞަންޢާ އަށް އަރައި، ބައިނަލްއަޤްވާމީ ގޮތުން ބަލައިގަނެވިފައިވާ ސަރުކާރު ވައްޓާލި ހޫޘީން، މިހާރު ޔަމަނުގެ އުތުރު ސަރަޙައްދުގެ ބޮޑު ބައެއް ކޮންޓްރޯލް ކުރެއެވެ. ސަޢޫދީ އަރަބިއްޔާގެ އިސްނެގުމާއެކު އުފެދުނު އިއްތިހާދުން ވެސް ހޫޘީން ބޭރުކޮށްލެވިފައެއް ނުވާ އިރު، އެ ޖަމާޢަތުގެ ބާރު ދުވަހެއް ދުވަހަކަށް ވަރުގަދަވަމުން އަންނަކަން ފާހަގަކުރެވެއެވެ.
ކޮމެންޓު ފޮނުވާ