ކުރިއަށް އޮތް 24 ގަޑިއިރު އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް މޫސުން ގޯސްވާނެކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން (މެޓް) އިން ބުނެފިއެވެ.
މެޓުން ބުނީ ކުރިއަށްއޮތް 24 ގަޑިއިރު އެ ހިސާބުތަކުގެ ކަނޑުތައް ގަދަވެ، ބޯކޮށް ވާރޭވެހި ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަަމަށެވެ.
އެހެންކަމުން ހުދު ސަމާލުގެ ނޯޓިސް ވަނީ ނެރެފައެވެ.
ބޯކޮށް ވާރޭވެހުމުގެ އިތުރުން ގުގުރުމާއެކު ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހި، ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ގަދަވާނެ ކަމަށެވެ.
ދެކުނުގެ ބައެއް އަތޮޅުތަކަށް ކެރީގެ އަސަރު ފޯރުމާއެކު ގުގުރުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.
ރިކޯޑުތަކުން ދައްކާގޮތުން ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ކުޅުދުއްފުށި ސިޓީއަށެވެ. ކުޅުދުއްފުއްޓަށް 52.8 މިލިލީޓަރުގެ ވާރޭވެހިފައިވެއެވެ.
ވޭތުވެދިޔަ 24 ގަޑިއިރުތެރޭގައި ވިލާގަނޑުގައި އެންމެ ވައި ގަދަވެފައި ވަނީ ބ. ދަރަވަންދުއަށް ކަމަށާއި، ދަރަވަންދުއަށް 41 މޭލަށް ވައިގަދަވެފައިވާ އިރު، އާންމުކޮށް ވައި އެންމެ ގަދަވެފައި ވަނީ ކުޅުދުފުއްޓަށާއި، ހދ. މަކުނުދުއަށް ކަމަށްވެސް ބުނެފައިވެއެވެ. އެގޮތުން މި ދެ ރަށަށް 18 މޭލަށް ވައިގަދަވެފައިވެއެވެ.
މެޓުން ބުނީ ކުރިއަށް އޮތް 24 ގަޑިއިރު މެދުރާއްޖެތެރެއާއި އުތުރުގެ ކަނޑުތައް ގަދަވާނެ ކަމަށާއި، ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވާނެ ކަމަށެވެ.
ވައިގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ކަނޑުތައް ގަދަވާނެތީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ. އަދި ގަދަވަޔާއެކު ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ވަނީ އިލްތިމާސް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ