މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއްލުންވި އެޕާޓްމަންޓުގެ ވެރިފަރާތަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފި

މާލޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއްލުންވި އެޕާޓްމަންޓުގެ ވެރިފަރާތަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިފި

Author
ޙަސަން މުޙައްމަދު
24 އޮގަސްޓް 2025 11:52
0

މިއަދު ހެނދުނު މާލޭގެ މ. އަފްޒާ ގޭގެ ހަވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ގެއްލުން ލިބުނު އެޕާޓްމަންޓެއްގައި ދިރިއުޅެމުން އައި އަންހެން މީހަކަށް ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސައިދީފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފައިވެއެވެ.

މިއަދު ހެނދުނު 07:43 ގައި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) ގެ ފަޔާ އެންޑް ރެސްކިޔު ސާވިސްއަށް ލިބުނު މައުލޫމާތަކަށް ބިނާކޮށް، އެ ސާވިސްގެ ފަޔާފައިޓަރުން ވަނީ ވަގުތުން ހާދިސާ ހިނގި ތަނަށް ގޮސް އަލިފާން ކޮންޓްރޯލް ކުރުމުގެ މަސައްކަތް ފަށާފައެވެ. އެމްއެންޑީއެފްގެ ފަޔާފައިޓަރުންގެ އަވަސް މަސައްކަތުން އޭސީ އައުޓްޑޯ ޔުނިޓުގައި ރޯވި އަލިފާން މުޅިން ނިއްވާލެވުނީ 07:59 ގައި ކަމަށް އެ ފަރާތުން މައުލޫމާތު ދީފައިވެއެވެ.

ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓުގެ ތެރެއަށް އަލިފާން ފެތުރުމާއި ދުން ފުރިގެން ދިޔުމުގެ ސަބަބުން އެތަނަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. މި ގެއްލުންތަކުގެ ސަބަބުން އެޕާޓްމަންޓުގައި ދިރިއުޅުން ދަތިވެފައިވާތީ، އެތަނުގައި ދިރިއުޅެމުން އައި އަންހެން މީހަކަށް ފަސް ދުވަހުގެ މުއްދަތަށް ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ ޚަރަދު އެންޑީއެމްއޭއިން ވަނީ ހަމަޖައްސައިދީފައި ކަމަށް އެ އިދާރާއިން ވިދާޅުވެފައިވެއެވެ.

މި ހާދިސާގައި އަލިފާން ރޯވި ސަބަބާއި، އެޕާޓްމަންޓަށް ލިބުނު ގެއްލުމުގެ މިންވަރު ބެލުމަށް ކަމާބެހޭ ފަރާތްތަކުން ތަޙުޤީޤު ކުރަމުން ގެންދާ ކަމަށް މައުލޫމާތު ލިބެއެވެ. އަދި މިފަދަ ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.