މިއަހަރުގެ ޤައުމީ ދުވަހާ ގުޅިގެން ޤައުމީ ދިފާޢީ ބާރުން އިންތިޒާމްކޮށްގެން ބާއްވާ ޝަރަފުގެ ހިނގާލުން މާދަމާ ހަވީރު 4:30 ގައި މާލޭގެ ބަންޑާރަކޮށިން ފެށުމަށް ވަނީ ހަމަޖެހިފައެވެ.
ދިފާޢީ ބާރުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި، މި ހިނގާލުމުގައި ޖުމްލަ 4 ތަނެއްގައި ލަޝްކަރު ހުއްޓުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން ސޯސަންމަގު ދިވެހިބަހުގެ އެކެޑަމީ ކުރިމަތި، މަޖީދީމަގު/ޗާންދަނީމަގު ހަތަރު އަނގޮޅި، މަޖީދީމަގު/މިލިޔަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމަތީގައި ލަޝްކަރު ހުއްޓާނެއެވެ.
މި ހިނގާލުމުގައި ކޮންމެ ހުއްޓުމެއްގައިވެސް މިލިޓަރީ ބޭންޑުން ރާގު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އަދި ހިނގާލުން ނިންމާލުމަށް ހަމަޖެހިފައިވަނީ ކަޅުތުއްކަލާކޮށްޓަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ކޮންމެ އަހަރެއްގެވެސް ރަބީޢުލްޢައްވަލްމަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ދިވެހިރާއްޖޭގެ ފަޚުރުވެރި "ޤައުމީ ދުވަސް" ގެ ގޮތުގައެވެ. މި ދުވަހަކީ 15 އަހަރާއި 6 މަސް ދުވަހުގެ ޕޯޗުގީޒުންގެ އަޅުވެތިކަމުން ދިވެހިރާއްޖެ މިނިވަންކުރެއްވި އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން ނުވަތަ އުތީމު ބަންޑާރައިންނާއި އެ ޖިހާދުގައި ބައިވެރިވެވަޑައިގެންނެވި ދިވެހި ބަޠަލުންގެ ހަނދާނާއި ޒިކުރާ އާކުރުމަށް ފާހަގަކުރާ ދުވަހެވެ.
ކޮމެންޓު ފޮނުވާ