ކާޑެއްދޫ އެއާޕޯޓް ހޯދުމަށް ސަރުކާރުން ވިލާއަށް 277 މިލިއަން ރުފިޔާ ދިނުމަށް ހުށަހަޅައިފި

ކާޑެއްދޫ އެއާޕޯޓް ހޯދުމަށް ސަރުކާރުން ވިލާއަށް 277 މިލިއަން ރުފިޔާ ދިނުމަށް ހުށަހަޅައިފި

Author
ޙަސަން މުޙައްމަދު
23 އޮގަސްޓް 2025 04:34
0

ގދ. ކާޑެއްދޫ އެއާޕޯޓް ސަރުކާރަށް ހޯދުމުގެ ގޮތުން ވިލާ އެއާއަށް 18 މިލިއަން ޑޮލަރު ނުވަތަ 277 މިލިއަން ރުފިޔާ ދެއްކުމަށް ނުވަތަ ވިލާ ގްރޫޕުގެ ކުންފުނިތަކުން ދައުލަތަށް ދައްކަންޖެހޭ ޓެކްސް ފައިސާއިން 18 މަހުގެ މުއްދަތަކަށް އެޖަސްޓްމަންޓް ހެދުމަށް ރައީސް އޮފީހުން ހުށަހަޅައިފިއެވެ.

އިކޮނޮމިކް ކައުންސިލުން މިދިޔަ އަންގާރަ ދުވަހު ނިންމި ގޮތުގައި، އެއާޕޯޓް ސަރުކާރަށް ނެގުމުގެ ބަދަލުގައި 18 މިލިއަން ޑޮލަރު 18 މަހަށް ބަހާލައިގެން ވިލާއަށް ދިނުމަށް ނުވަތަ ޓެކްސް ފައިސާއިން އެޖަސްޓްކުރުމަށް ވަނީ ނިންމާފައެވެ. މި ދެ ގޮތުން ކުރެ ގޮތެއް ހިޔާރުކުރުމަށް ވިލާ ކުންފުންޏަށް ސަރުކާރުން ވަނީ ފުރުސަތު ދީފައެވެ.

ވިލާ ކުންފުނިން ފުރަތަމަ ސަރުކާރަށް ހުށަހެޅީ އެއާޕޯޓް ދޫކޮށްލުމުގެ ބަދަލުގައި 21 މިލިއަން ޑޮލަރު ހޯދުމަށެވެ. ވިލާގެ ޗެއާމަން ގާސިމް އިބްރާހިމް ވަނީ ސަރުކާރުން ބޭނުންވާނަމަ އެއާޕޯޓް ދޫކޮށްލުމަށް ތައްޔާރު ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް ސަރުކާރުން ނިންމީ 18 މިލިއަން ޑޮލަރު ދިނުމަށެވެ.

އިކޮނޮމިކް ކައުންސިލުން ވިލާއަށް ފޮނުވި ސިޓީ މިރޭ ގާސިމް އިބްރާހިމް އެކްސް (ޓްވިޓާ) ގައި ހިއްސާކޮށްފައިވެއެވެ. މި ސިޓީގައި ބަޔާންކޮށްފައިވާ ގޮތުން ސަރުކާރުން ހުށަހަޅާ ދެ އޮޕްޝަންގެ ތެރެއިން އެދޭ ގޮތެއް އަންގައިދިނުމަށް ވިލާ ކުންފުންޏަށް ވަނީ އެދިފައެވެ.

މި މައްސަލަ ފާޅުވީ ރޭ ޕީއެންއެފް ޖަލްސާއެއްގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކާޑެއްދޫ އެއާޕޯޓާ ބެހޭގޮތުން ވާހަކަދައްކަވަމުންނެވެ. ޔާމީން ވިދާޅުވި ގޮތުގައި ކޮންމެ ސަރުކާރެއް އައަސް ކާޑެއްދޫ އެއާޕޯޓަކީ މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމަށް "ތަރިކަ މުދާގަނޑެއް" ފަދައިން ދީފައި އޮންނަ ތަނެކެވެ.

ޔާމީންގެ ވާހަކަތަކަށް ރައްދުދެއްވަމުން ގާސިމް މިރޭ ވިދާޅުވީ، ކާޑެއްދޫ އެއާޕޯޓްގެ ކަންތައްތައް ހިނގާފައިވާ ގޮތް އޮޅުވާލުމަށް ޔާމީން ހެއްދެވީ އިތުރުފުޅެއް ކަމަށެވެ. ސަރުކާރުން ހުށަހަޅާފައިވާ ދެ އޮޕްޝަންގެ ތެރެއިން ކޮން ގޮތެއް ވިލާއިން ހިޔާރުކުރީ ކަމެއް މިހާތަނަށް ހާމަވެފައެއް ނުވެއެވެ.

ކާޑެއްދޫ އެއާޕޯޓް ވިލާ އެއާއަށް ފުރަތަމަ ދޫކުރީ 2013 ވަނަ އަހަރު 50 އަހަރުގެ މުއްދަތަކަށެވެ. އެހެންނަމަވެސް 2017 ވަނަ އަހަރުގެ ޖެނުއަރީ މަހު ޔާމީންގެ ސަރުކާރުން ވަނީ އެ އެއްބަސްވުން ބާތިލްކޮށް އެއާޕޯޓް އަތުލާފައެވެ. 2018 ވަނަ އަހަރު ސިވިލް ކޯޓުން ކުރި ހުކުމަކާ ގުޅިގެން 2022 ވަނަ އަހަރުގެ މާޗު މަހު އެއާޕޯޓް ވިލާ އެއާއާ ވަނީ އަލުން ހަވާލުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.