ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި

ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވި

Author
ހުސައިން
19 އޮގަސްޓް 2025 10:51
0

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އއ. ހިމަންދޫ ޞިއްޙީ މަރުކަޒުގެ އައު އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ. މި ރަސްމިއްޔާތު ބޭއްވުނީ އަރިއަތޮޅު އުތުރުބުރިއަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ ތިން ދުވަހުގެ ދަތުރުފުޅުގެ ބައެއްގެ ގޮތުންނެވެ.

އައު ޞިއްޙީ މަރުކަޒުގައި ޤާއިމުކޮށްފައިވާ ޚިދުމަތްތަކުގެ ތެރޭގައި ޢާންމު ޞިއްހަތުގެ ޚިދުމަތުގެ ޔުނިޓާއި، ދުންފަތުގެ އިސްތިޢުމާލު ހުއްޓާލުމަށް އެހީތެރިވެދޭ ކްލިނިކެއް ހިމެނެއެވެ. މީގެ އިތުރުން ގައިން ގަޔަށް ނާރާ ބަލިތަކަށް ޚާއްޞަ ކްލިނިކަކާއި، މާބަނޑު މީހުންނަށް ޚިދުމަތްދޭ ކްލިނިކަކާއި، ކުޑަކުދިންގެ ޞިއްޙަތަށް ޚާއްޞަ ކްލިނިކެއްވެސް މި މަރުކަޒުގައި ޤާއިމުކުރެވިފައިވެއެވެ.

ޞިއްޙީ މަރުކަޒުގެ އިމާރާތް ހުޅުއްވަވައިދެއްވުމާއެކު، ހިމަންދޫގައި އަޅަމުންދާ ފުލުހުންގެ އައު އިމާރާތުގެ އަމަލީ މަސައްކަތްވެސް ފެށިގެން ދިޔައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޕްރޮގްރާމުގައި ހިމަންދޫ ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުންވެސް ހިމެނިފައިވެއެވެ.

ހިމަންދޫއަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގެންނެވުމުން، ރަށުގެ މުއައްސަސާތަކުގެ އިސްވެރިންނާއި ރައްޔިތުން ފަރާތުން އިޚްލާޞްތެރި މަރުޙަބާއެއް ލިބިވަޑައިގަތެވެ. މި ދަތުރުފުޅުގައި އަރިއަތޮޅު އުތުރުބުރީގެ މީހުން ދިރިއުޅޭ އަށް ރަށަށް ޒިޔާރަތްކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެ ރަށްރަށަކީ ތޮއްޑޫ، ރަސްދޫ، އުކުޅަސް، މަތިވެރި، ބޮޑުފޮޅުދޫ، ފެރިދޫ އަދި މާޅޮހެވެ.

މި ދަތުރުފުޅަކީ ރާއްޖޭގެ އެންމެހައި އަތޮޅުތަކަށް ޒިޔާރަތްކުރައްވައި، އަތޮޅުތަކާއި ރަށްރަށުގެ ކައުންސިލުތަކާއި ސިޓީތަކުގެ ކައުންސިލުތަކާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރިއަށް ގެންދަވާ ސިލްސިލާ ދަތުރުފުޅުތަކުގެ ބައެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މި ދަތުރުފުޅުގައި ވަޒީރުންގެ ތެރެއިން ބައެއް ބޭފުޅުންނާއި ސަރުކާރުގެ އެކި މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވެ ވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.