އިތުރު ބަދަލުތަކާއެކު މީޑިއާ ކޮމިޝަންގެ ބިލު އަލުން މަޖިލީހަށް

އިތުރު ބަދަލުތަކާއެކު މީޑިއާ ކޮމިޝަންގެ ބިލު އަލުން މަޖިލީހަށް

Author
ހުސައިން
18 އޮގަސްޓް 2025 11:02
0

މީޑިއާތަކަށް ކުރެވޭ ޖޫރިމަނާގެ އެންމެ މަތީ އަދަދު 100،000 ރުފިޔާއަށް ވަނީ އިތުރުކޮށް، "މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޓަރީ ބިލު" އަލުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާން އަބޫބަކުރު އަމިއްލަ ހައިސިއްޔަތުން މި ބިލު ހުށަހެޅުއްވީ މިދިޔަ އަހަރު ހުށަހެޅުއްވި ބިލަށް ގިނަ ފަރާތްތަކުން ކުރިމަތިކުރި ޕްރެޝަރުތަކާ ގުޅިގެން އެ ބިލު އަނބުރާ ގެންދެވުމަށްފަހުގައެވެ.

އަލަށް ހުށަހެޅި ބިލުގައި މުހިންމު ބަދަލުތަކެއް ގެނެސްފައިވާއިރު، މީޑިއާ ކޮމިޝަން އެކުލެވިގެންވާ ގޮތް ބަދަލުކޮށްފައިވެއެވެ. އަލުން ހުށަހެޅި ބިލުގައި ބުނާގޮތުން ކޮމިޝަން އެކުލެވިގެންވާނީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ތިން މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ހަތަރު މެންބަރުންގެ މައްޗަށެވެ. މީގެ ކުރިން ހުށަހެޅި ބިލުގައި އޮތީ ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ހަތަރު މެންބަރުންނާއި މީޑިއާތަކުން އިންތިހާބުކުރާ ތިން މެންބަރުންގެ މައްޗަށް ކޮމިޝަން އެކުލެވޭ ގޮތަށެވެ.

ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރުންނަށް މަޖިލީހުގެ ރުހުން ހޯދަންޖެހޭއިރު، މީޑިއާތަކުން ކޮމިޝަނަށް މެންބަރުން އިންތިހާބުކުރާނީ އިލެކްޝަންސް ކޮމިޝަނުން ބާއްވާ އިންތިހާބަކުންނެވެ. ކޮމިޝަންގެ މެންބަރުންގެ ދައުރަކީ ފަސް އަހަރު ދުވަހުގެ ދައުރެއް ކަމަށްވާއިރު، ވިދިވިދިގެން ދެ ދައުރަށްވުރެ އިތުރަށް މެންބަރުކަމެއް ނުކުރެވޭނެއެވެ.

ކޮމިޝަންގެ ވެރިންތެރިކަން ކަނޑައެޅުމުގައި ވެސް ބަދަލު ގެނެސްފައިވެއެވެ. އަލަށް ހުށަހެޅި ބިލުގައި ބުނާގޮތުން ކޮމިޝަންގެ ރައީސް އައްޔަންކުރައްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ނައިބު ރައީސް ހޮވާނީ ކޮމިޝަންގެ މެންބަރުން ނަގާ ސިއްރު ވޯޓަކުންނެވެ. ކުރިން ހުށަހެޅި ބިލުގައި އޮތީ ކޮމިޝަންގެ ރައީސާއި ނައިބު ރައީސް، ދެ މަޤާމަށް ވެސް މަޖިލީހުގެ ރުހުމާއެކު ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ ގޮތަށެވެ.

ޖޫރިމަނާގެ އަދަދުތައް ބޮޑުވުމާ ގުޅިގެން މީޑިއާތަކާއި ނޫސްވެރިންގެ ޖަމިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފައިވީ ނަމަވެސް، އަލަށް ހުށަހެޅި ބިލުގައި ޖޫރިމަނާގެ އަދަދުތައް އިތުރަށް ބޮޑުކޮށްފައިވެއެވެ. ކޮމިޝަނުން ކަނޑައަޅާ ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ މީޑިއާތަކަށް 5،000 ރުފިޔާއާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. މީގެ ކުރިން ހުށަހެޅި ބިލުގައި އޮތީ 50،000 ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ނުކުރެވޭ ގޮތަށެވެ.

މީޑިއާގައި މަސައްކަތްކުރާ ފަރާތްތަކާއި ނޫސްވެރިންނަށް ކުރެވޭ ޖޫރިމަނާގެ އަދަދު ވެސް ވަނީ ބޮޑުކޮށްފައެވެ. އަލަށް ހުށަހެޅި ބިލުގައި ބުނާގޮތުން މި ފަރާތްތަކަށް 5،000 ރުފިޔާއާއި 25،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެއެވެ. ކުރިން ހުށަހެޅި ބިލުގައި އޮތީ އެންމެ ގިނަވެގެން 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.