އެ ޕާޓީ އަކީ ރާއްޖޭގައި 20 އަހަރު މެދުނުކެނޑި ހިންގާފައިވާ ހަމައެކަނި ދެ ޕާޓީގެ ތެރެއިން އެއް ޕާޓީ ކަމަށާއި، ކުރިޔަށް އޮތް ތަނުގައި ވެސް އަދުލު އިންސާފާއި ހައްގުގެ މަގުގައި ސާބިތުވެ ތިބޭނެ ކަމަށް އަދާލަތު ޕާޓީގެ ރައީސް ޝައިޚު އިމްރާން އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.
އަދާލަތު ޕާޓީގެ 20 ވަނަ އަހަރީ ދުވަހާ ގުޅިގެން ދެއްވި ޚިތާބެއްގައި އިމްރާން ފާހަގަކުރެއްވީ، ރައްޔިތުން ދަތި ހާލުގައި ޖެހޭ ކޮންމެ ވަގުތެއްގައި އެ ޕާޓީން ވާނީ ފަސްނުޖެހި ރައްޔިތުންނާ އެކުގައި ކަމަށެވެ. އެމްޑީޕީ އަށް ފަހު ރާއްޖޭގައި ދެވަނައަށް އުފެދުނު ސިޔާސީ ޕާޓީ ކަމުގައިވާ އަދާލަތު ޕާޓީ އަކީ ދީނީ އިލްމުވެރިން އިސްކޮށް ތިއްބެވި ޕާޓީއެއް ކަން އިމްރާން ހަނދާންކޮށްދެއްވި އެވެ.
އެމްޑީޕީގެ ދެވަނަ ވެރިކަމުގެ ފަހުން މިހާރު ތައިލެންޑުގައި ވިޔަފާރި ކުރައްވަމުން ގެންދަވާ އިމްރާން ވިދާޅުވީ، ވޭތުވެދިޔަ 20 އަހަރުގެ ތެރޭގައި އަދާލަތު ޕާޓީން ވަނީ ވެރިކަމުގެ ސިޔާސަތު ބަދަލުވެ، ސިޔާސީ މާހައުލު ގޯސްވެ، ރައްޔިތުންގެ ހައްގުތައް ގެއްލޭ ހާލަތްތަކުގައި، ރައްޔިތުންގެ ދިފާއުގައި އިސްސަފުގައި މަސައްކަތް ކޮށްފައި ކަމަށެވެ.
"މިއަދު އަދާލަތު ޕާޓީގެ މެންބަރުން އެންމެ ފަޚުރުވެރިވާންޖެހޭ ކަމަކީ، ވޭތުވެދިޔަ 20 އަހަރު ވަންދެން މެދުކެނޑުމެއް ނެތި ރާއްޖެއަށް ޚިދުމަތް ކޮށްފައިވާ ހަމައެކަނި ދެ ޕާޓީގެ ތެރެއިން އެއް ޕާޓީއަކީ އަދާލަތު ޕާޓީ ކަމުގައިވުން،" އިމްރާން ވިދާޅުވި އެވެ.
2005 ވަނަ އަހަރުގެ އޮގަސްޓް 18 ވަނަ ދުވަހު އިލެކްޝަންސް ކޮމިޝަނުގައި އަދާލަތު ޕާޓީ ރަޖިސްޓަރީ ކުރެވުނީ، އިސްލާމް ދީނުގެ އުސޫލުތަކުގެ މައްޗަށް ބިނާކޮށް ސިޔާސީ ޕާޓީއެއް އުފެއްދުމާ ބެހޭގޮތުން ދީނީ އިލްމުވެރިންނާއި މަދަނީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށް އިމްރާން ފާހަގަކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ