ސީއެސްސީގެ ރައީސް ނާސިހުގެ ނަން ހިމަނައިގެން 6 ނަމެއް މަޖިލީހަށް

ސީއެސްސީގެ ރައީސް ނާސިހުގެ ނަން ހިމަނައިގެން 6 ނަމެއް މަޖިލީހަށް

Author
ހުސައިން
18 އޮގަސްޓް 2025 10:20
0

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)ގެ މެންބަރުކަމަށް އައްޔަންކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހަ ފަރާތެއްގެ ނަން ރައްޔިތުންގެ މަޖިލީހަށް އިއްޔެ ފޮނުއްވައިފިއެވެ. މި ނަންތަކުގެ ތެރޭގައި މިހާރު ކޮމިޝަންގެ ރައީސްކަން ކުރައްވާ މުހައްމަދު ނާސިހުގެ ނަން ވެސް ހިމެނެއެވެ.

ކޮމިޝަނަށް ރައީސް ފޮނުއްވި ނަންތަކަކީ ޑރ. ހުސައިން ފާއިޒް (ދަފްތަރު ނަންބަރު 1325)، ޑރ. ދީބާ މޫސާ (މ. ވައިޓްބެލް)، ބަދުރިއްޔާ މޫސާ (ދަފްތަރު ނަންބަރު ރސ-414)، ޑރ. ފާތިމަތު މުނާ (ވާދީއާގެ، ގއ. ވިލިނގިލި) އަދި އާމިނަތު އުއްމުކުލްސޫމް (މޫންލައިޓްހައުސް، އައްޑޫ، މަރަދޫ) އެވެ. މި ނަންތައް ދިރާސާކުރުމަށް މަޖިލީހުގެ ރިޔާސަތުން ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފޮނުވައިފައެވެ.

ސީއެސްސީގައި މިވަގުތު ތިއްބެވި މެންބަރުންގެ ތެރެއިން ނާސިހާއި މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފްގެ މެންބަރުކަން އަންނަ މަހުގެ 3 ވަނަ ދުވަހު ހަމަވާނެއެވެ. މިކަމާ ގުޅިގެން ކޮމިޝަންގެ މެންބަރުކަމަށް ކުރިމަތިލުމަށް އާންމުކޮށް ހުޅުވާލި ފުރުސަތުގައި ގިނަ ފަރާތްތަކެއް ވަނީ ކުރިމަތިލައިފައެވެ.

ނާސިހަކީ އިންޖިނިއަރިންގެ ދާއިރާއިން އިނގިރޭސިވިލާތުގެ ލިވަޕޫލް ޔުނިވާސިޓީން މާސްޓާސް ޑިގްރީ ހާސިލްކުރައްވައިފައިވާ ބޭފުޅެކެވެ. ޓެލެކޮމިއުނިކޭޝަނާއި ބްރޯޑްކާސްޓިންގެ ދާއިރާގައި 28 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތްކުރައްވައިފައިވާ އޭނާ، ބްރޯޑްކޮމްގެ އަމީން އާންމުގެ މަގާމާއި، އެ ކޮމިޝަންގެ ޑިރެކްޓަރު ޖެނެރަލްގެ މަގާމު ފުރުއްވައި، ކޮމިއުނިކޭޝަންސް އޮތޯރިޓީގެ ޑެޕިއުޓީ ޑިރެކްޓަރުކަން ވެސް ކުރައްވައިފައިވެއެވެ.

މިދިޔަ ނޮވެމްބަރު މަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނާސިހު މަގާމުން ވަކިކުރަން ހުށަހެޅި ނަމަވެސް، މަޖިލީހުން ވަނީ އެ ހުށަހެޅުން ފާސްނުކޮށް ދޫކޮށްލައިފައެވެ. އޭރު ކޮމިޓީން ނާސިހު ވަކިކުރަން ހުށަހެޅީ އަމިއްލަ މަގްސަދެއް ހާސިލްކުރަން އުޅުނުކަމަށް ތުހުމަތުކޮށް ޝަކުވާ ލިބިފައިވާކަމަށް ބުނެފައެވެ. އެހެންނަމަވެސް މިހާރު ރައީސް ވަނީ އޭނާގެ ނަން އަލުން ކޮމިޝަނަށް ހުށަހަޅުއްވައިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.