ގެދޮރުވެރިޔާގެ ސްކީމުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިއަށްދާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ހާމަކޮށްފިއެވެ. މިހާތަނަށް 1202 ފަރާތަކާއެކު އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދީފައިވެއެވެ.
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ތަރައްގީކުރެވުނު 4000 ސޯޝަލް ހައުސިން ޔުނިޓުގެ ތެރެއިން 1000 އަށް ވުރެ ގިނަ ފްލެޓްތަކުގެ އެއްބަސްވުމުގައި ސޮއިކުރެވިފައިވުމަކީ އެފްޑީސީއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް ކަމުގައި އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ. މީގެ އިތުރުން 1530 މީހުންނާއެކު އެއްބަސްވުމުގައި ސޮއިކުރުމަށް ތާވަލުކޮށްފައިވާކަމަށްވެސް އެފްޑީސީން ބުނެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމަށް ހާޒިރުވާންޖެހެނީ ފަހި ދިރިއުޅުން ކޯޕަރޭޝަނުން އެ ދުވަހަކަށް ކަނޑައަޅާ ފަރާތްތައް އެކަނި ކަމުގައި އެ ކޯޕަރޭޝަނުން ސާފުކޮށްދީފައިވެއެވެ. ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގެންދަނީ ހައުސިން މިނިސްޓްރީން މައުލޫމާތު ޗެކްކުރުމަށްފަހު ފޮނުވާ ލިސްޓުތަކާ އެއްގޮތަށް ކަމުގައިވެސް އެފްޑީސީން ވިދާޅުވެއެވެ.
މި މަޝްރޫއުގެ ދަށުން ދޫކުރާ ފްލެޓްތަކުގެ ކުލި ކަނޑައެޅިފައިވަނީ 3 ކޮޓަރީގެ އެޕާޓްމަންޓްތަކަށް މަހަކު 9500 ރުފިޔާ އަދި 2 ކޮޓަރީގެ އެޕާޓްމަންޓްތަކަށް މަހަކު 7000 ރުފިޔާއަށެވެ. ޑައުންޕޭމަންޓްގެ ގޮތުގައި 3 ކޮޓަރީގެ ފްލެޓްތަކަށް 25000 ރުފިޔާ އަދި 2 ކޮޓަރީގެ ފްލެޓްތަކަށް 15000 ރުފިޔާ ދައްކަންޖެހެއެވެ.
ފްލެޓްތަކުގެ ތަޅުދަނޑި ހަވާލުކުރާނީ ޑިޕޮސިޓް ފައިސާ ދެއްކުމުން ކަމަށް އެފްޑީސީން ހާމަކޮށްފައިވެއެވެ. މީގެ އިތުރުން މެއިންޓަނަންސް ފީގެ ގޮތުގައި 3 ކޮޓަރީގެ ފްލެޓްތަކަށް މަހަކު 1500 ރުފިޔާ އަދި 2 ކޮޓަރީގެ ފްލެޓްތަކަށް މަހަކު 1000 ރުފިޔާ ދައްކަންޖެހޭނެ ކަމަށްވެސް އެ ކޯޕަރޭޝަނުން މައުލޫމާތު ދީފައިވެއެވެ.
ކޮމެންޓު ފޮނުވާ