ދިވެހި ބޭސްވެރިކަމުގެ ފަންނު ދިރުވައި އާލާކުރުމުގެ ގޮތުން، މާލެ ސިޓީގެ ތަފާތު ސަރަހައްދުތަކުގައި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްގަހާގެހި އިންދައި ހެއްދުމުގެ މަސައްކަތެއް ފެށުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ދިވެހި ބޭސްވެރިންގެ ޖަމިއްޔާއާއި މާލެ ސިޓީ ކައުންސިލާ ދެމެދު ބޭއްވި މަޝްވަރާ ބައްދަލުވުމެއްގައި، ދިވެހި ބޭސްވެރިކަމުގެ ދާއިރާ ކުރިމަތިވެފައިވާ ދަތިތަކާ ބެހޭގޮތުން މަޝްވަރާކުރެވުނެވެ. އޭގެ ތެރޭގައި އެންމެ ބޮޑު އެއް ގޮންޖެހުމަކީ ބޭސްވެރިކަމަށް ބޭނުންކުރާ ތާޒާ ފަތްޕިލާވެލި މާލެ ސަރަހައްދުން ލިބުން ދަތިވުން ކަމަށް ފާހަގަކުރެވުނެވެ.
މާލޭގެ މޭޔަރު އާދަމް ޢާޒިމް ވިދާޅުވި ގޮތުގައި، ޒަމާނުއްސުރެ ދިވެހިންގެ ޞިއްޙީ ދުޅަހެޔޮކަމަށް ބޭނުންކުރަމުން އައި ދިވެހި ބޭސްވެރިކަމުގެ ތަރިކަ މިހާރު އުވެމުންދާކަން އިހުސާސްކުރެވޭ ކަމަށާއި، މި މުހިންމު ފަންނު ރައްކާތެރިކުރުމަށް ކައުންސިލުން އެންމެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.
ކައުންސިލުން ނިންމި ގޮތުގައި، މާލެ ސިޓީގެ ޕާކުތަކާއި، ޢާންމު ސަރަހައްދުތަކާއި، މިސްކިތްތަކުގެ ވަށައިގެންވާ ބިންތަކުގައި ދިވެހި ބޭސްވެރިކަމަށް ބޭނުންކުރާ ގަސްތައް އިންދައި ބެލެހެއްޓޭނެއެވެ. ހަމަ އެހެންމެ، ސިޓީ ޒީނަތްތެރިކުރުމަށް އިންދާ ގަސްތަކުގެ ތެރެއިން ބައެއް ގަސްތައް، ބޭސްވެރިކަމަށް ފައިދާހުރި ބާވަތްތަކަށް ބަދަލުކުރުމަށް ވެސް ރާވާފައިވާ ކަމަށް މޭޔަރު ހާމަކުރެއްވި އެވެ.
ދިވެހި ބޭސްވެރިންގެ ޖަމިއްޔާގެ ރައީސް މުހައްމަދު އަހުމަދު ފާހަގަކުރެއްވި ގޮތުގައި، މިހާރު ދިވެހި ބޭހަށް ބޭނުންކުރާ ގިނަ ބާވަތްތަކުގެ ފަތްޕިލާވެލި މާލެ ސަރަހައްދުން ތާޒާކަމާއެކު ލިބުން ވަރަށް ދަތިވެފައިވާ ކަމަށާއި، މިއީ ބޭސްވެރިންނަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމެއް ކަމަށެވެ. ކައުންސިލުން ފެށި މި މުހިންމު މަސައްކަތުގެ ސަބަބުން ދިވެހި ބޭސްވެރިކަމުގެ ފަންނު އިތުރަށް ކުރިއަރައި، ރައްޔިތުންގެ ޞިއްޙީ ފަރުވާ ލިބުމުގެ ފުރުޞަތު ފުޅާވެގެންދާނެ ކަމުގެ އުންމީދު އޭނާ ފާޅުކުރެއްވި އެވެ.
1980 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 8 ވަނަ ދުވަހު އުފެދުނު ދިވެހި ބޭސްވެރިންގެ ޖަމިއްޔާއަކީ، ދިވެހި ބޭސްވެރިކަމުގެ ފަންނު ދިރުވައި ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. މި ޖަމިއްޔާއާއި މާލެ ސިޓީ ކައުންސިލާ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ، ދިވެހި ބޭސްވެރިކަމުގެ ތަރިކަ ރައްކާތެރިކޮށް، އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް ކުރެވޭ މުހިންމު މަސައްކަތެއް ކަމުގައި ދެ ފަރާތުން ވެސް ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ