ބ. ދޮންފަނުގެ ތަރައްޤީއަށް ކުރިމަތިލާފައިވާ ބޮޑެތި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް ސަރުކާރުން ނިންމާފައިވާ މުހިންމު މަޝްރޫޢުތަކުގެ އެއްބަސްވުންތަކުގައި މިއަދު ސޮއިކޮށްފިއެވެ. ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެރަށަށް ކުރެއްވި ދަތުރުފުޅުގައި ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު، ސްކޫލް އިމާރާތާއި ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުތަކުގެ އެއްބަސްވުމުގައި ސޮއިކުރެއްވިއެވެ.
ސޮއިކުރެވުނު އެއްބަސްވުންތަކުގެ ތެރޭގައި ދޮންފަނު ސްކޫލަށް 6 ކްލާސްރޫމާއި، މަލްޓިޕަރޕަސް ހޯލެއް، ލައިބްރަރީއެއް އަދި ސައިންސް ލެބޮރެޓަރީއެއް އިމާރާތްކުރުން ހިމެނެއެވެ. ހަމައެއާއެކު ރަށުގެ ބަނދަރުގެ ނެރު ބަދަލުކޮށް، 13 ހެކްޓަރުގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫޢެއްވެސް ހިމެނެއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި ގޮތުގައި، މި މަޝްރޫޢުތަކުގެ އަމަލީ މަސައްކަތް މިއަހަރު ތެރޭގައި ފެށިގެންދާނެއެވެ. ބިން ހިއްކުމުގެ މަޝްރޫޢު ނިމުމުން ރަށަށް 13 ހެކްޓަރުގެ ބިން އިތުރުވެ، ރަށުގައި ދިމާވެފައިވާ ބިމުގެ ދަތިކަން ހައްލުވެގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބަނދަރު ތަރައްޤީކުރުމުން ރައްޔިތުންނަށް މޫދަށް އެރުމަށް ފަސޭހަ ސަރަހައްދެއް ޤާއިމުވެގެންދާނެކަމަށްވެސް ވިދާޅުވިއެވެ.
ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢުތަކުގެ ތަފްޞީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ފުޓުބޯޅަ ދަނޑު މަރާމާތުކޮށް ފުރިހަމަކުރުމާއެކު، ފުޓްސަލް ދަނޑެއް ޤާއިމުކުރާނެކަމަށެވެ. މި ދަނޑު ހޭންޑްބޯލް ކުޅެވޭ ގޮތަށް ތައްޔާރުކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. 2026 ވަނަ އަހަރުގެ ބަޖެޓުގައި ވޮލީބޯޅަ ކޯޓަކާއި ފިޓްނަސް އެންޑް ރިކްރިއޭޝަން ސެންޓަރެއްގެ މަސައްކަތް ހިމަނައިގެން ކުރިއަށް ގެންދާނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
ރަށުގެ އަސާސީ ޚިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން، ފެނާއި ނަރުދަމާގެ ނިޒާމުގައި ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން މަސައްކަތް ފަށާނެކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވިއެވެ. މި ޚިދުމަތްތައް ފުރިހަމަކުރުމަށް ބޭނުންވާ އަމަލީ މަސައްކަތްތައް އަވަހަށް ފެށޭނެކަމަށް ވިދާޅުވިއެވެ.
ރައީސްގެ މި ދަތުރުފުޅުގައި ދޮންފަނުގެ ރައްޔިތުންނަށް އިތުރު ފަސޭހައެއް ހޯދައިދެއްވުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމް ޚިދުމަތް ރަސްމީކޮށް ހުޅުވައިދެއްވިއެވެ. މިއީ ރަށުގެ ރައްޔިތުން އެދެމުން އައި މުހިންމު ޚިދުމަތެއް ކަމުގައިވާއިރު، މާލީ ޚިދުމަތްތައް ހޯދުމަށް ދިމާވަމުންދިޔަ ދަތިކަން ލުއިވެގެންދާނެއެވެ.
ކޮމެންޓު ފޮނުވާ