އިސްރާއީލީ ސިފައިންގެ ފަރާތުން ގާޒާގައި އަލްޖަޒީރާގެ ފަސް ނޫސްވެރިޔަކު ޝަހީދުކޮށްފައިވާ މައްސަލާގައި އދގެ އިންސާނީ ހައްގުތަކާބެހޭ އިދާރާއިން ވަނީ ހަރުކަށި ބަހުން ކުށްވެރިކޮށްފައެވެ. މި ހާދިސާއަކީ ބައިނަލްއަގުވާމީ ގާނޫނުތަކާ ސީދާ ހިލާފުވާ ޢަމަލެއް ކަމަށް އެ އިދާރާއިން ވަނީ ބަޔާންކޮށްފައެވެ.
އާދިއްތަ ދުވަހު ދިން މި ހަމަލާގައި ޝަހީދުވި ފަސް ނޫސްވެރިންގެ ތެރޭގައި ހިމެނެނީ ގާޒާގެ ހާލަތު ދުނިޔެއަށް ރިޕޯޓުކުރުމުގައި މަޝްހޫރުވެފައިވާ ޖާނަލިސްޓު އަނަސް އަލް ޝާރިފް އެވެ. އަނަސް އަކީ ގާޒާގެ ނުރައްކާތެރި މާހައުލުގައި ތިބެގެން ޖެހިލުންވުމެއް ނެތި ހަގީގަތް ދުނިޔެއަށް ގެނެސްދިން ނޫސްވެރިއެކެވެ. ނޫސްވެރިން ހަރަކާތްތެރިވަމުން ދިޔަ ޓެންޓަށް ސީދާ މިސައިލު ހަމަލާއެއް ދިނުމުން މި ފަސް ނޫސްވެރިން ވަނީ ޝަހީދުވެފައެވެ.
އިސްރާއީލީ މިލިޓަރީގެ ފަރާތުން ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އަނަސް އަލް ޝާރިފް އަކީ ހަމާސްގެ ސެލެއްގައި އިސްކޮށް ހަރަކާތްތެރިވާ މީހެއް ކަމަށާއި، އެހެންކަމުން އޭނާއަށް ހަމަލާދިނީ ކަމަށެވެ. ނަމަވެސް މި ދަޢުވާއަށް އެއްވެސް ހެއްކެއް ހުށަހަޅާފައި ނުވެއެވެ.
ޝަހީދުވި ފަސް ނޫސްވެރިންގެ ޖަނާޒާ އިއްޔެ ބޭއްވުނުއިރު، ދުނިޔޭގެ އެކި ކަންކޮޅުތަކުން ނޫސްވެރިންގެ ޖަމްޢިއްޔާތަކާއި އިންސާނީ ހައްގުތަކުގެ ޖަމާޢަތްތަކުން ވަނީ މި ހަމަލާ ވަރަށް ބޮޑަށް ކުށްވެރިކޮށްފައެވެ. ނޫސްވެރިންނަކީ ހަނގުރާމައިގައި ވެސް ރައްކާތެރިކަން ލިބެންޖެހޭ ސިވިލިއަން ބައެއް ކަމަށް ބައިނަލްއަގުވާމީ ގާނޫނުގައި ބަޔާންކޮށްފައިވާއިރު، މިފަދަ ހަމަލާތަކަކީ ހަނގުރާމައިގެ ކުށެއް ކަމަށް ގިނަ ބައިނަލްއަގުވާމީ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ.
ކޮމެންޓު ފޮނުވާ