ރައީސް ޑރ. މުހައްމަދު މުޢިއްޒު، މިއަދު ބ.އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ.
މި ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އެ އަތޮޅުގެ ރަށްތަކަށް އެމަނިކުފާނު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ. ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް ރަސްމީކޮށް ފަށްޓަވައިދެއްވީ އޭދަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
ބ. އަތޮޅުގައި އާރްޓީއެލްގެ ޚިދުމަތް މިއަދު ރަސްމީކޮށް ފެށިގެން ދިޔަ ނަމަވެސް، މިދިޔަ ޖުލައި މަހުގެ 28 ވަނަ ދުވަހުން ފެށިގެން ނުރަސްމީކޮށް މި ޚިދުމަތް އައީ ދެމުންނެވެ.
އާރްޓީއެލްގެ ޚިދުމަތް ފެށުމުގެ ކުރިން މުވައްޒަފުން ނަގައި، އެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނު ދިނުމުގެ މަސައްކަތްވެސް ވަނީ ނިންމާލާފައެވެ. މި ޚިދުމަތުގައި ބޭނުންކުރާނީ ދެ ހައި ސްޕީޑް ފެރީއެވެ. އަދި ދަތުރުތައް ބާއްވަމުން ގެންދާނީ ދެ ރޫޓަކަށެވެ.
އާރްޓީއެލްގެ ދަތުރުތަކުގެ ރޫޓްތައް ކަނޑައަޅާފައިވަނީ އެއަރޕޯޓް ޚިދުމަތާއި އާންމު އެހެނިހެން ޚިދުމަތްތައް ހޯދުމަށް އަތޮޅުގެ ވެރި ރަށަށް ދަތުރުކުރުމަށް ފަސޭހަވާނެ ގޮތަށެވެ. މި ޚިދުމަތް ފެށުމާއެކު އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ޚިދުމަތް ފަސޭހަކަމާއެކު ލިބިގެންދާނެއެވެ.
މިއީ އާރްޓީއެލް ފެރީގެ ހިދުމަތް ފެށުނު 11 ވަނަ އަތޮޅެވެ.
އާރުޓީއެލް ފެރީ މަޝްރޫއުގެ ޒޯން 2 ގައި ހިމެނޭ ޅ. އަތޮޅު، ނ. އަތޮޅު އަދި ރ. އަތޮޅުގައި މިހާރުވެސް ހިދުމަތް ދެމުން އަންނަ އިރު، ބ. އަތޮޅުގައި ހިދުމަތް ފެށުމާއެކު މުޅި ޒޯން 2 އަށް ހިދުމަތް ފުޅާކުރެވިފައިވާކަމަށް ސަރުކާރުން ފާހަގަކުރެއެވެ.
ކޮމެންޓު ފޮނުވާ