އިސްރާއީލުގެ ސަރުކާރުން ޣައްޒާ ސަރަހައްދު ކޮންޓްރޯލް ކުރުމަށް ނިންމާފައިވާ ނިންމުމާ ދެކޮޅަށް އިސްރާއީލުގައިވެސް މިއަދު ފުޅާ ދާއިރާއެއްގައި މުޒާހަރާތައް ކުރިއަށް ގެންގޮސްފިއެވެ. މި މުޒާހަރާތަކުގައި ޣައްޒާގައި ހިފަހައްޓާފައި ތިބި ރަހީނުންގެ އާއިލާތަކުން ބައިވެރިވެ، ގަތުލުއާންމު ހުއްޓާލައި ރަހީނުން ދޫކޮށްލުމަށް ގޮވާލާފައި ވެއެވެ.
އިސްރާއީލުގެ ސަލާމަތީ ވަޒީރުންގެ މަޖިލީހުން މިއަދު ރުހުން ދިން މި ޕްލޭނަކީ، ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ މި ހަފްތާގެ ތެރޭގައި ހުށަހެޅި ޕްލޭނެއް ކަމަށް ރިޕޯޓްތަކުން ބުނެއެވެ. ފަލަސްތީނުގެ އުތުރުގައި އޮންނަ ޣައްޒާ ސިޓީ އަސްކަރީ ގޮތުން ހިފުމަށް މި ޕްލޭނުގައި ރާވާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.
ނަތަންޔާހޫގެ މި ޕްލޭނާ ދެކޮޅަށް އިސްރާއީލުގެ ސަރުކާރުގެ އެތެރެއިންވެސް ފާޑުކިޔުންތައް އައިސްފައިވެއެވެ. އިސްރާއީލުގެ އަސްކަރީ ޗީފް އޮފް ސްޓާފް ވަނީ ޣައްޒާއާ ދެކޮޅަށް ހަނގުރާމައަށް ނުކުންނަ ސިފައިންގެ އަދަދު މަދުވެދާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
މި ނިންމުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުން ވަނީ އިސްރާއީލަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށާފައެވެ. ޖަރުމަނުގެ ޗާންސެލަރު ފްރިޑްރިކް މެރޒް ވިދާޅުވީ، ޣައްޒާ ހިފުމަށް އިސްރާއީލުން ބޭނުންކޮށްފާނެ ހަތިޔާރު އިސްރާއީލަށް އެކްސްޕޯޓް ކުރުން ހުއްޓާލާނެ ކަމަށެވެ. އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކޭއާ ސްޓާމަރ ވިދާޅުވީ އިސްރާއީލުގެ މި ނިންމުމަކީ "ގޯސް" ނިންމުމެއް ކަމަށެވެ.
އޮސްޓްރޭލިއާއިން ވަނީ ޣައްޒާ ސިޓީގެ އަސްކަރީ ކޮންޓްރޯލް ނެގުމުގެ ޕްލޭން އަނބުރާ ގެންނަން ވަރުގަދަ އިންޒާރެއް ދީފައެވެ. މީގެ އިތުރުން ޑެންމާކް، ނެދަލެންޑްސް، ޗައިނާ އަދި ރާއްޖެ ފަދަ ގައުމުތަކުންވެސް ވަނީ އިސްރާއީލުގެ މި ނިންމުން ކުށްވެރިކޮށް، ހަނގުރާމަ ހުއްޓާލައި ސުލްހައިގެ މަގަށް އަންނަން ގޮވާލާފައެވެ.
ބައިނަލްއަގުވާމީ މުޖުތަމަޢުގެ ފުޅާ ދާއިރާއެއްގައި އިސްރާއީލުގެ މި ނިންމުމާ ދެކޮޅަށް އަޑުތައް އުފުލަމުން ދާއިރު، ޣައްޒާގެ ހާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު އުފެދިފައިވާ ކަމަށް ބައިނަލްއަގުވާމީ ޚަބަރު ފަތުރާ ވަސީލަތްތަކުން ރިޕޯޓު ކުރެއެވެ.
ކޮމެންޓު ފޮނުވާ