ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފަށައިގެން ކުރިއަށް ގެންދިޔަ "ގެދޮރުވެރިޔާ ސްކީމް" ގެ ދަށުން މިވަގުތާ ހަމައަށް 640 ފަރާތަކާއެކު ފްލެޓް ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށް ނިމިފައިވާކަމަށް ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން މިއަދު ހާމަކޮށްފިއެވެ.
އެފްޑީސީން ހާމަކޮށްފައިވާ ގޮތުގައި އެއްބަސްވުން ހެދުމަށް ޝެޑިއުލްކުރެވިފައިވަނީ ޖުމުލަ 667 ފަރާތަކާ އެކުގައެވެ. އޭގެ ތެރެއިން 640 ފަރާތަކާއެކު އެއްބަސްވުން ހަދައި ނިމިފައިވާއިރު، ބާކީ ފަރާތްތަކާއެކު އެ މަސައްކަތް ކުރިއަށްދާކަމަށް ބުންޏެވެ. ހައުސިން މިނިސްޓްރީން ފްލެޓް ލިބޭ 2665 ފަރާތެއްގެ ލިސްޓެއް އެފްޑީސީއަށް ފޮނުވައިފައިވާކަމަށް ވެސް އެ ކޯޕަރޭޝަނުން ފާހަގަކުރެއެވެ.
އެއްބަސްވުމުގައި ސޮއިކުރުމުގެ މަރުހަލާގައި އެންމެ ބޮޑަށް ދިމާވަމުންދާ ދަތިތަކުގެ ގޮތުގައި އެފްޑީސީން ފާހަގަކުރަނީ، ޕޯޓަލަށް އަޕްލޯޑްކުރެވިފައިވާ މައުލޫމާތު ފުރިހަމަ ނުވުމާއި، އައިޑީ ކާޑުފަދަ މުހިންމު ލިޔެކިޔުންތައް ސާފުކޮށް ނެތުމެވެ. މިކަންކަމުގެ ސަބަބުން އެއްބަސްވުން ހެދުމުގެ މަސައްކަތް ލަސްވަމުންދާކަމަށް ބުނެއެވެ.
ފްލެޓުގެ ތަޅުދަނޑި ލިބޭނީ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުންކަމަށް އެފްޑީސީން ބުންޏެވެ. ދެ ކޮޓަރީގެ ފްލެޓްތަކަށް 15،000 ރުފިޔާ އާއި ތިން ކޮޓަރީގެ ފްލެޓްތަކަށް 25،000 ރުފިޔާ ދައްކަންޖެހޭނެކަމަށް އެ ކޯޕަރޭޝަނުން މައުލޫމާތު ދެއެވެ.
މިދިޔަ ޖުލައި މަހުގެ 21 ވަނަ ދުވަހު ފެށިގެން ކުރިއަށްދާ މި އެއްބަސްވުންތައް ހެދުމުގެ މަސައްކަތް ސެޕްޓެންބަރު މަހުގެ ނިޔަލަށް ނިންމައި، ފްލެޓްތައް ހަވާލުކުރުމަށް ރާވާފައިވާކަމަށް އެފްޑީސީން ކުރިން ބުނެފައިވެއެވެ. 76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކާއި، އެއަށްފަހު 75 މާކްސް އިން މަތީގައި ހުރި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތްތަކަށް ފްލެޓް ދިނުމަށް ނިންމާފައިވެއެވެ.
ނަމަވެސް ހައުސިން މިނިސްޓްރީން އިއްޔެ ހާމަކުރި މައުލޫމާތުގައި، 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 16 ވަނަ ދުވަހު ބޭއްވި ގުރުއަތުގައި 76 މާކްސް އަށްވުރެ މަތިން ލިބިފައިވާ ބައެއް ފަރާތްތަކުން ފްލެޓް ކަނޑައެޅުމުގެ ގުރުއަތުގައި ބައިވެރިވެފައި ނުވާކަމަށް ފާހަގަކުރެވިފައިވާކަމަށް ބުންޏެވެ. މީގެ އިތުރުން ފްލެޓް ލިބޭ ފަރާތްތަކުގެ ހައްގުތަކަށް އުނިކަން އަންނާނެ ގޮތަށް ގުރުއަތު ނަގާފައިވާކަމަށް ތުހުމަތުކޮށް، މި މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި ހައުސިން މިނިސްޓްރީން އެންޓި-ކޮރަޕްޝަން ކޮމިޝަނަށް މައްސަލައެއް ހުށަހަޅާފައިވާކަމަށް ވެސް އެ މިނިސްޓްރީން ބުނެފައިވެއެވެ.
ކޮމެންޓު ފޮނުވާ