މާލެއިން ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު

މާލެއިން ޑްރަގް ވިޔަފާރީގެ ތުހުމަތުގައި ތިން މީހަކު ހައްޔަރު

Author
ޙަސަން މުޙައްމަދު
06 އޮގަސްޓް 2025 11:58
0

ޑްރަގް ބޭނުންކޮށް ވިޔަފާރި ކުރާކަމުގެ ތުހުމަތުގައި މާލެއިން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބިފައިވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށް މިދިޔަ ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައެވެ.

ފުލުހުންގެ މައުލޫމާތު ދޭގޮތުން، މި އޮޕަރޭޝަންގައި މާލޭގައި ހުންނަ އެޕާޓްމަންޓަކާއި ހުޅުމާލޭގައި ހުންނަ އެޕާޓްމަންޓެއް ބަލައި ފާސްކުރުމުން ޑްރަގް ކަމަށް ޝައްކުކުރެވޭ 111.08 ގުރާމުގެ ތަކެއްޗާއި އިތުރު ފަސް ފުޅި ބަނގުރާ ފެނިފައިވެއެވެ.

މި އޮޕަރޭޝަންގައި ޖުމްލަ ހަތަރު މީހަކު ހައްޔަރުކުރެވުނު ނަމަވެސް، ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އޭގެތެރެއިން އެކަކު ޝަރުތުތަކެއްގެ މައްޗަށް ދޫކޮށްލައިފައިވެއެވެ.

ހައްޔަރުކުރެވުނު މީހުންގެ ތެރޭގައި ހިމެނެނީ މ. އާރު ގެ މުހައްމަދު ލަޔާން އަހުމަދާއި، މ. މުލަކު ކޮކާހަނދުވަރު ގެ އަލީ ނާޒިމާއި، މ. މޯނިންވިއު ގެ އަލީ ނާވީ ނިޔާޒެވެ. ކޯޓުން ނިންމަވާފައިވަނީ މީގެތެރެއިން ދެ މީހަކު ހަތް ދުވަހުގެ މުއްދަތަށާއި އަނެއް މީހާ ފަސް ދުވަހުގެ މުއްދަތަށް ބަންދުގައި ބަހައްޓަން ކަމަށެވެ.

ޑްރަގް ވިޔަފާރިކުރުމުގެ ކުށުގައި ފުލުހުން މިދިޔަ މަސްތަކުގެ ތެރޭގައި މާލެއާއި އަތޮޅުތަކުން އެކި މީހުން ހައްޔަރުކޮށް، މިފަދަ ކުށްތައް ހުއްޓުވުމަށް ކުރިއަށް ގެންދާ މަސައްކަތްތައް އިތުރަށް ވަރުގަދަކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.