ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ އެޕާޓްމަންޓްތަކުގެ އެޑްވާންސް ފައިސާ، ޕެންޝަން ފަންޑް ބޭނުންކޮށްގެން ދެއްކޭނެ އިންތިޒާމް ހަމަޖެއްސުމަށް ފަހި ދިރިއުޅުން ކޯޕަރޭޝަނުން މަސައްކަތް ކުރަމުންދާކަމަށް އެ ކުންފުނިން ހާމަކޮށްފިއެވެ.
އެސްއެސްޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ފަހިދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރު ހަމްދާން ޝަކީލް ހާމަކުރެއްވީ، ޕެންޝަން އޮފީހާ ގުޅިގެން މި ކަމުގެ މުއާމަލާތްތައް ކުރިއަށް ގެންދަމުންދާ ކަމަށެވެ. މި އިންތިޒާމުގެ ދަށުން ޕެންޝަން ފަންޑުގައި ފައިސާ ހުރި ފަރާތްތަކަށް އެ ފަންޑް ބޭނުންކޮށްގެން ފްލެޓްތަކުގެ ޑިޕޮސިޓް ފައިސާ ދެއްކޭނެ ގޮތެއް ހަމަޖެއްސުމަށް މަސައްކަތްކުރާ ކަމަށް އޭނާ ވިދާޅުވިއެވެ.
މިހާރު އެޑްވާންސް ފައިސާ ދެއްކުމަށް ދީފައިވާ ލުއިތަކުގެ ތެރޭގައި ވަކި މުއްދަތެއް ކަނޑައަޅާފައި ނުވާކަމަށާއި، ފައިސާ ދެއްކި ތާރީޚަކުން ފްލެޓް ދޫކުރުމުގެ މަސައްކަތް ކުރާނެކަމަށް ހަމްދާން ވިދާޅުވިއެވެ. ނަމަވެސް ފްލެޓްތަކަށް ބަދަލުވުމުގެ ހުއްދަ އެޗްޑީސީން ދޫކުރާނީ ފެނާއި ކަރަންޓް ފަދަ އަސާސީ ޚިދުމަތްތައް ފުރިހަމަވުމުންކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އަންނަ ސެޕްޓެމްބަރު މަހުގެ ނިޔަލަށް މި މަސައްކަތްތައް ފުރިހަމަކޮށް، އެޑްވާންސް ފައިސާ ދައްކާ ފަރާތްތަކަށް ފްލެޓްތަކަށް ބަދަލުވެވޭނެ ގޮތް ހަމަޖެހިގެންދާނެކަމަށް ފަހިދިރިއުޅުން ކޯޕަރޭޝަނުން ލަފާކުރެއެވެ.
ގެދޮރުވެރިޔާ ސްކީމުގެ 4،000 އެޕާޓްމަންޓުގެ ތެރެއިން 3 ކޮޓަރީގެ ފްލެޓްތަކަށް 25،000 ރުފިޔާގެ އެޑްވާންސެއް ދައްކަންޖެހޭއިރު، 2 ކޮޓަރީގެ ފްލެޓްތަކަށް ދައްކަންޖެހެނީ 15،000 ރުފިޔާއެވެ. މި ފްލެޓްތަކުގެ މަހު ކުލި 3 ކޮޓަރީގެ ފްލެޓަކަށް 9،000 ރުފިޔާ އަދި 2 ކޮޓަރީގެ ފްލެޓަކަށް 7،000 ރުފިޔާ ކަމުގައި ކަނޑައަޅާފައިވެއެވެ.
ފަހިދިރިއުޅުން ކޯޕަރޭޝަނުން ދޫކުރާ ފްލެޓްތަކުގެ އެއްބަސްވުން 25 އަހަރުގެ މުއްދަތަށް ހަދާނެކަމަށާއި، އެ މުއްދަތުގައި ދައްކަންޖެހޭ ފައިސާ ފުރިހަމައަށް ދެއްކުމުން ފްލެޓް މިލްކުވެގެންދާނެކަމަށް ހައުސިން މިނިސްޓްރީން ވަނީ ކަނޑައަޅާފައެވެ.
ކޮމެންޓު ފޮނުވާ