ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ދޫކުރުމުގައި ފުރަތަމަ އިސްކަން ލިބޭނީ 76 ޕޮއިންޓުން މަތިން މާކްސް ލިބުނު ފަރާތްތަކަށް ކަމަށް ހައުސިންގ މިނިސްޓްރީން ސާފުކޮށްދީފިއެވެ.
މިނިސްޓްރީން މިއަދު ކުރި އިޢުލާނެއްގައި ވިދާޅުވީ، ގެދޮރުވެރިޔާ ސްކީމުގެ ފްލެޓްތައް ދޫކުރުމުގެ އުސޫލާ ގުޅޭގޮތުން މޭ މަހުގެ 29 ވަނަ ދުވަހު ނެރުނު އިޢުލާނުގައި ހިމެނޭ ކަންތައްތަކަށް ބަލައި، ފްލެޓް ލިބޭ ފަރާތްތަކާ އެއްބަސްވުން ހެދުމާއި ފްލެޓް ޙަވާލުކުރުމުގެ ކަންތައްތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ޙިއްސާކުރަމުންދާ ކަމަށެވެ.
2023 ވަނަ އަހަރުގެ ނޮވެންބަރު 16 ގައި ބޭއްވި ގުރުއަތުނެގުމުގައި 76 ޕޮއިންޓަށްވުރެ މަތިން މާކްސް ލިބުނު ނަމަވެސް ފްލެޓް ކަނޑައެޅުމަށް ގުރުއަތު ނުނަގާ ތިބި ފަރާތްތަކެއް ހުރިކަން ފާހަގަވެފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެއާއެކު 76 ޕޮއިންޓަށްވުރެ މަތިން ލިބުނު ބައެއް ފަރާތްތަކަށް ފްލެޓް ނުލިބި، 75 ޕޮއިންޓަށްވުރެ މަތިން ލިބުނު ބައެއް ފަރާތްތަކަށް ގުރުއަތުން ފްލެޓް ލިބިފައިވާކަން އެނގިފައިވާ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރެއްވިއެވެ.
އޭރުގެ ސަރުކާރުން 2023 ނޮވެންބަރު 15 ގައި ކުރި އިޢުލާނުގައި 76 މާކްސް އަށްވުރެ މަތިން ލިބުނު ފަރާތްތަކަށް ފްލެޓް ލިބޭނެކަމަށް ކަނޑައަޅާފައިވާތީ، އެ ފަރާތްތަކަށް ފްލެޓް ކަނޑައަޅައި ނިންމުމަށްފަހު 75 މާކްސް ލިބުނު ފަރާތްތަކުގެ ކަންތައްތައް ކުރިއަށް ގެންދާނެ ކަމަށް މިނިސްޓްރީން ވިދާޅުވިއެވެ.
ކުރީގެ ސަރުކާރުން އާންމުކުރި ގެދޮރުވެރިޔާ ސްކީމުގެ ފައިނަލް ލިސްޓުގެ ދަށުން ފުރަތަމަ ބުރުގައި 3 ކޮޓަރީގެ ފްލެޓްތައް ލިބޭނީ 76 ޕޮއިންޓުން ފެށިގެން މަތިން މާކްސް ހޯދި ފަރާތްތަކަށް ކަމަށާއި، އެ ފަރާތްތަކަށް ފްލެޓް ދިނުމަށްފަހު ބާކީ ހުރި ފްލެޓްތައް 75 މާކްސް ލިބުނު ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ބަޔަކަށް ދޭނެ ކަމަށް އެނގެއެވެ. 2 ކޮޓަރީގެ ފްލެޓްތައް ނަމަ ފުރަތަމަ ބުރުގައި ލިބޭނީ 73 މާކްސްއިން ފެށިގެން މަތިން ލިބުނު ފަރާތްތަކަށް ކަމަށް ވެސް މިނިސްޓްރީން ބަޔާންކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ