ޕޮލިސް ވެލްފެއަރ ކުންފުނި "ޕޮލްކޯ"ގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީއަށް ފޮނުވަން ސަބް ކޮމިޓީން ލަފާދީފި

ޕޮލިސް ވެލްފެއަރ ކުންފުނި "ޕޮލްކޯ"ގެ ކޮރަޕްޝަންގެ މައްސަލަ އޭސީސީއަށް ފޮނުވަން ސަބް ކޮމިޓީން ލަފާދީފި

Author
ހުސައިން
04 އޮގަސްޓް 2025 07:31
0

ފުލުހުންގެ ވެލްފެއާ ކުންފުނި (ޕޮލްކޯ) ގެ ހައުސިން މަޝްރޫއުގައި ކޮރަޕްޝަން ހިމެނޭކަމަށް ބުނެ، މި މައްސަލަ ތަހުގީގުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަނަށް ފޮނުވަން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން މިއަދު ލަފާދީފިއެވެ. މި ނިންމުމަށް ސަބް ކޮމިޓީން ވާސިލުވީ ޕޮލްކޯ ހައުސިން މަޝްރޫއުގެ ޚާއްސަ އޮޑިޓް ރިޕޯޓު ދިރާސާކުރުމަށްފަހުއެވެ.

މިއަދު ބޭއްވުނު ބައްދަލުވުމުގައި ސަބް ކޮމިޓީން ނިންމީ އޮޑިޓް ރިޕޯޓަށް އެއްވެސް ބަދަލެއް ނުގެނެސް މައި ކޮމިޓީއަށް ހުށަހެޅުމަށެވެ. މި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ ތެރޭގައި ފުލުހުންގެ މިހާރުގެ ބައެއް އިސްވެރިން ހިމެނޭތީ، ޖިނާއީ ސީރިއަސް ތަހުގީގެއް ހިންގަންޖެހޭ ކަމަށް ސަބް ކޮމިޓީން ދެކެއެވެ. އެހެންކަމުން އޭސީސީގައި ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް ސެކްޝަނެއް އުފައްދައި، އެ ސެކްޝަނުން މި މައްސަލަ ބެލުމަށް ކޮމިޓީން ލަފާދިނެވެ.

ކޮމިޓީގެ މުގައްރިރު އަދި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް ވިދާޅުވީ، އޭސީސީގައި މި ޚާއްސަ ސެކްޝަން އުފެއްދުމުގެ ހުއްދަ ދޭނެކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައިވާ ކަމަށެވެ. އޭނާ ހާމަކުރެއްވި ގޮތުގައި، ފުރަތަމަ ވިސްނީ ރިޔާސީ ކޮމިޝަނެއް އެކުލަވާލައި މައްސަލަ ބެލުމަށް ނަމަވެސް، އެއަށްވުރެ އޭސީސީ މެދުވެރިކޮށް ތަހުގީގުކުރުން އެންމެ އެކަށީގެންވާ ކަމަށް ކޮމިޓީން ނިންމިއެވެ.

މި މައްސަލައިގައި ޝާމިލުވާ ކުރީގެ އަދި މިހާރުގެ ފުލުހުންނަށް ނުހައްގު މުއްސަނދިކަން ހޯދައި، އެހެން ފަރާތްތަކަށް ނާޖާއިޒު ފައިދާ ހޯދައިދިން ކަމަށް ތުހުމަތުކުރެވޭތީ، އެ ފުލުހުންގެ މައްޗަށް ފިޔަވަޅު އަޅަން ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށް އަންގަން ވެސް ކޮމިޓީން ނިންމިއެވެ. މީގެ އިތުރުން، އެކި މަޝްރޫއުތަކަށް ޑިއުޓީ މާފުކޮށް ދޫކޮށްފައިވާ ޑްރެޖަރާއި ހައިމާކު ފަދަ އުޅަނދުފަހަރުގެ ލިސްޓެއް އެކުލަވާލައި މާލިއްޔަތު ކޮމިޓީއާ ހިއްސާކުރުމަށް ކަސްޓަމަށް އެންގަން ވެސް ނިންމިއެވެ.

ކޮމިޓީން ފާހަގަކުރި ގޮތުގައި، މި މައްސަލައިގެ ސަބަބުން ސަރުކާރަށް ގެއްލުނު ފައިސާގެ އަދަދު ދެނެގަނެވިފައިވާ ނަމަވެސް، ޖުމްލަ އަދަދު ހާމަކޮށްފައެއް ނުވެއެވެ. އެހެންނަމަވެސް، އެ ފައިސާ ހޯދުމަށް ބަންޑާރަނައިބަށް އަންގަން ކޮމިޓީން ނިންމިއެވެ.

ޕޮލްކޯގެ ޓަވަރުތައް ކޮމިޓީގެ މެންބަރުން ޒިޔާރަތްކުރި އިރު، އެ ޓަވަރުތައް ފުރިހަމަނުވާކަން ފާހަގަކުރެވިފައިވެއެވެ. ޓަވަރުތަކުގައި ހުންނަ ތިން ލިފްޓުގެ ތެރެއިން ދެ ލިފްޓު މަސައްކަތްނުކުރާ ކަމާއި، ފަޔާ އެލާމް ސިސްޓަމް މަސައްކަތްނުކުރާ ކަމާއި، ތިން ޓަވަރުގައި ސީސީޓީވީ ހަރުކޮށްފައި ނެތްކަމާއި، އެކްސެސް ކޮންޓްރޯލް ސިސްޓަމް އެއްވެސް ޓަވަރެއްގައި ގާއިމުކޮށްފައި ނެތްކަން ކޮމިޓީގެ ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. މި ކަންކަން ހައްލުކުރުމަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީގައި އެދުމަށް ކޮމިޓީން ނިންމިއެވެ.

މިދިޔަ ޖެނުއަރީ މަހު ނެރުނު އޮޑިޓް ރިޕޯޓުން ދައްކާ ގޮތުގައި، ޕޮލްކޯގެ ހައުސިން މަޝްރޫއަށް ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ ޚަރަދުވެފައިވާ އިރު، ކުންފުނީގެ ކޮރަޕްޝަނާއި ނާގާބިލުކަމުގެ ސަބަބުން ދައުލަތަށް 354.7 މިލިއަން ރުފިޔާ ގެއްލިފައިވެއެވެ. އޮޑިޓް ރިޕޯޓުގައި ބުނާ ގޮތުގައި، އާންމުކޮށް ކޮންސްޓްރަކްޝަން ކުންފުނިތަކުން އަކަފޫޓަކަށް 1,300 ރުފިޔާއާއި 1,500 ރުފިޔާއާ ދެމެދުގެ އަގުގައި މި ފަދަ މަސައްކަތް ކޮށްދޭ އިރު، ޕޮލްކޯ މަޝްރޫއުގައި އަކަފޫޓަކަށް 1,851 ރުފިޔާ ޚަރަދުވެފައިވެއެވެ.

ހުޅުމާލޭގައި ފުލުހުންނަށް ޚާއްސަކޮށްގެން އެޅުނު ތިން ޓަވަރުގައި ޖުމްލަ 361 ފްލެޓާއި 20 ޕެންޓްހައުސް ހިމެނެއެވެ. 2013 ގައި އަމަލީ މަސައްކަތް ފެށި މި މަޝްރޫއު ނިމި، މީހުންނަށް ދިރިއުޅެވޭ ވަރުވީ މިދިޔަ އަހަރު ތެރޭގައެވެ. ސަބް ކޮމިޓީން ރިޕޯޓު ފާސްކުރި ނަމަވެސް، އިދާރާތަކަށް އަންގައި ލަފާދެވޭނީ މައި ކޮމިޓީން ރިޕޯޓު ފާސްކޮށް، ތަޅުމުން ފާސްކުރުމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.