ހއ. ބާރަށުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ތުހުމަތު ކުރެވޭ ދެ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި މަހުގެ 3 ވަނަ ދުވަހު ބާރަށު ޕޮލިސް ސްޓޭޝަނާއި އިންޓެލިޖެންސް ގުޅިގެން ހިންގި ޚާއްޞަ އޮޕަރޭޝަނެއްގައި އެ ރަށުގެ ގެއެއް ބަލައި ފާސްކުރުމުން މަސްތުވާތަކެތި ކަމަށް ބެލެވޭ 5.96 ގުރާމުގެ އެއްޗެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ހއ. ބާރަށް، ކަރނޭޝަންވިޔު ގޭގެ އަބްދުﷲ ފަޞީޙް، އުމުރުން 37 އަހަރުގެ ފިރިހެނަކާއި އެ ގޭގެ އިބްރާހީމް ކަލީމް، އުމުރުން 34 އަހަރުގެ ފިރިހެނެކެވެ. ފުލުހުން ބުނި ގޮތުގައި މި ދެ މީހުންނަކީ ބާރަށަށް މަސްތުވާތަކެތި އެތެރެކޮށް، އެ ތަކެތީގެ ވިޔަފާރިކޮށް، އަދި މަސްތުވާތަކެތި ބޭނުންކުރާ ކަމަށް ތުހުމަތު ކުރެވޭ ފަރާތްތަކެކެވެ.
ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަބްދުﷲ ފަޞީޙް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށާއި އިބްރާހީމް ކަލީމް 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން އަމުރުކޮށްފައިވެއެވެ.
މި ވަގުތު ބާރަށު ޕޮލިސް ސްޓޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. މި މައްސަލައާ ގުޅިގެން އިތުރު ފަރާތްތަކެއް ހިމެނޭތޯ ބެލުމުގެ މަސައްކަތް ކުރިއަށް ގެންދާ ކަމަށްވެސް ފުލުހުން ހާމަކުރިއެވެ.
ކޮމެންޓު ފޮނުވާ