ކައުންސިލްތަކުގެ މާލީ ޚަރަދުތައް ކޮންޓްރޯލް ކުރާ ބިލު ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފި

ކައުންސިލްތަކުގެ މާލީ ޚަރަދުތައް ކޮންޓްރޯލް ކުރާ ބިލު ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފި

Author
ހުސައިން
04 އޮގަސްޓް 2025 04:08
0

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލެއް މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ބަލައިގަނެ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވިފައިވެއެވެ. މި ބިލު ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ހުސައިންއެވެ.

ބިލު ބަލައިގަތީ 48 މެންބަރުންގެ ވޯޓުން ކަމަށްވިއިރު، 11 މެންބަރުން ވަނީ ބިލާ ދެކޮޅަށް ވޯޓު ދެއްވާފައެވެ. ބިލުގެ ފުރަތަމަ ކިޔުން އިއްވައި ފެށި އިބްތިދާއީ ބަހުސްގައި އިދިކޮޅު މެންބަރުން ވަނީ ސަރުކާރަށް ހަރުކަށި ފާޑުކިޔުންތަކެއް އަމާޒުކޮށް، ބިލު އަނބުރާ ގެންދިޔުމަށް ގޮވާލާފައެވެ.

މި އިސްލާހުގެ ދަށުން ކައުންސިލްތަކުގެ ދައުރު ހަމަވުމުގެ އެއް އަހަރު ކުރިން ފެށިގެން، ފިނޭންސް މިނިސްޓްރީ އާއި ލޯކަލް ގަވަރމަންޓް އޮތޯރިޓީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މާލީ ކަންކަން ހިންގަން ޖެހޭނެއެވެ. މިގޮތުން ދާއިމީ އަދި ކޮންޓްރެކްޓް މުވައްޒަފުން ނެގުމާއި، ބިމާއި ފަޅު ރަށްތަކާއި ފަރުގެ ސަރަހައްދުތައް ކުއްޔަށް ދިނުން ފަދަ ކަންކަން ކުރެވޭނީ ސަރުކާރުގެ ހުއްދައާ އެކުގައެވެ.

ލޯކަލް އޮތޯރިޓީ ކުންފުނިތަކުން އިގްތިސާދީ ހަރަކާތްތައް ހިންގުމަށް ވެސް ވަކި ޝަރުޠުތަކެއް ކަނޑައަޅާފައިވެއެވެ. އެގޮތުން އަމިއްލަ ފަރާތްތަކުން ކުރަމުންދާ ވިޔަފާރިތައް ނުކުރުމާއި، އިންވެސްޓްމަންޓްގެ އަގު 10 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ނުވުން ލާޒިމު ކުރެއެވެ.

އަދި ސަރުކާރުން ރައްޔިތުންނަށް އަސާސީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ދޫކޮށްފައިވާ ބިންތަކާއި އިމާރާތްތަކުން ކުލި ނެގުން މަނާކުރުމާއެކު، ކައުންސިލްތަކުގެ ބޭންކް އެކައުންޓްތައް ވެސް ހިންގަންޖެހޭނީ ފިނޭންސް މިނިސްޓްރީން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް ކަމަށް ބިލުގައި ބަޔާންކޮށްފައިވެއެވެ.

ބިލް ހުށަހެޅި މަގުސަދުގައި ބުނެފައިވާ ގޮތުން، ބައެއް ކައުންސިލްތަކުން ޚަރަދުކުރުމުގައި ގާނޫނުގެ ތެރެއިން ލިބިދީފައިވާ މިނިވަންކަމުގެ ނާޖާއިޒު ފައިދާ ނަގަމުންދާކަމުގެ ޝަކުވާތައް އިތުރުވަމުންދާތީ މި އިސްލާހުތައް ގެނައުމަށް މަޖުބޫރުވެފައިވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.