ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން އިންސާފަށް ހުރަސް އަޅައި، ޝަރީއަތުގެ ބޭނުން ނަހަމަ ގޮތުގައި ހިފާފައިވާ ކަމަށް ހައިކޯޓުން ކޮށްފައިވާ ނިންމުމަކާ ދެކޮޅަށް އެ ކޯޕަރޭޝަނުން ސުޕްރީމް ކޯޓަށް ހުށަހަޅައިފިއެވެ.
މި މައްސަލައަކީ އެޗްޑީސީއާއި ޖާހު އިންވެސްޓްމަންޓްސްއާ ދެކޮޅަށް ގާނޫނީ ވަކީލު މަރިޔަމް ޝުނާނާ ހުށަހަޅުއްވާފައިވާ މައްސަލައެއްގައި، މިދިޔަ ޖޫން މަހު ފަހުކޮޅު ހައިކޯޓުން ނިންމި ނިންމުމެކެވެ. ސިވިލް ކޯޓުގެ ހުޅުމާލޭ ޑިވިޝަނުން ޝުނާނާއާ ދެކޮޅަށް ނިންމި މައްސަލައެއްގެ އިސްތިއުނާފުގެ ތެރެއިން، އެޗްޑީސީން ހުށަހެޅި އިޖުރާއީ އިއުތިރާޒަކާ ގުޅިގެން ނިންމި ނިންމުމެއް ކަމަށް ވެއެވެ.
ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން ނިންމި މި ނިންމުން، އެޗްޑީސީން ސުޕްރީމް ކޯޓަށް ހުށަހެޅީ މިދިޔަ ހަފުތާގައި ކަމަށް ސުޕްރީމް ކޯޓުގެ ރަޖިސްޓްރީން މައުލޫމާތު ދެއްވިއެވެ. ނަމަވެސް އެ ހުށަހެޅުން ބަލައިގަތުމާމެދު ސުޕްރީމް ކޯޓުން އަދި ގޮތެއް ނިންމާފައެއް ނުވެއެވެ.
ޝުނާނާ މި މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރުމުން އެޗްޑީސީން ވަނީ އިސްތިއުނާފުކުރުމުގެ ޚަރަދުގެ ގޮތުގައި 15،000 ރުފިޔާ ސެކިއުރިޓީއެއްގެ ގޮތުގައި ބަހައްޓަން އަންގައި ދިނުމަށް ކޯޓުގައި އެދިފައެވެ. މި ފައިސާ ބަހައްޓަން ޝުނާނާ ނުކުޅެދިއްޖެ ނަމަ މައްސަލަ ބާތިލުކޮށްދިނުމަށް ވެސް އެޗްޑީސީން އެދުނު ކަމަށް ވެއެވެ.
އެހެންނަމަވެސް މި ހުށަހެޅުމަކީ ހަގީގީ އަސާސެއްނެތި، ވަގުތު ބޭކާރުވާހެން، ރިއާޔަތް ކުރަން ޖެހޭ ގާނޫނީ އުސޫލުތަކަށް ބެލުމެއްނެތި ހުށަހެޅި ހުށަހެޅުމެއް ކަމަށް ޝުނާނާ ވިދާޅުވިއެވެ. މީގެ އިތުރުން އެކަން ތަކުރާރު ނުކުރުމަށް އެޗްޑީސީއަށް ނަސޭހަތްތެރިވުމަށާއި ޝަރީއަތުގެ ކަންކަން ރަނގަޅަށް ގެންދާނެކަމުގެ ޔަގީންކަންދޭ ލިޔުމެއް ދިނުމަށް އަމުރުކޮށްދިނުމަށް ޝުނާނާ އެދިވަޑައިގަތެވެ.
ހައިކޯޓުގެ ނިންމުމުގައި ފާހަގަކޮށްފައިވަނީ، ސެކިއުރިޓީ ޑިޕޮސިޓް ބަހައްޓަން އެންގޭ ޝަރުތުތަކުގެ ތެރެއިން ޝުނާނާގެ ފުރިހަމަ ވަނީ ކޮން ޝަރުތެއް ކަން އެޗްޑީސީއަށް ބުނެދެވިފައި ނުވާ ކަމަށެވެ. ގާނޫނުގައި އެދެވިދާނެ ކަމަށް އޮތްއޮތުމުގެ މައްޗަށް އެކަނި ރިއާޔަތްކޮށް މިކަމަށް އެދުމުން، އެޗްޑީސީގެ ޒިންމާ އަދާކުރީ ކަމަށް ނުބެލެވޭ ކަމަށް ވެސް ނިންމުމުގައި ބަޔާންކޮށްފައިވެއެވެ.
ކޯޓުން ވަނީ މައްސަލަ ބާތިލުކުރަން ޖެހޭ ސަބަބެއް ނެތް ކަމަށް ކަނޑައަޅައި، ޝަރީއަތުގެ ކަންކަން ރަނގަޅަށް ގެންދާނެ ކަމުގެ ޔަގީންކަން ލިޔުމުން ދިނުމަށް އެޗްޑީސީއަށް 30 ދުވަހުގެ މުއްދަތެއް ދީފައެވެ. މި ނިންމުން ނިންމީ ފަނޑިޔާރު ދީބާނާޒް ފަހުމީއާއި ހުސެއިން މަޒީރާއި މުހައްމަދު ޝަނީޒް އަބްދުﷲ ހިމެނޭ ބެންޗެއްގެ އިއްތިފާގުންނެވެ.
މި މައްސަލައާ ގުޅިފައިވާ ޖާހު ކުންފުނިން ހުޅުމާލޭގައި 'ދަ ގާޑްންސް' ފްލެޓުތައް ތަރައްގީކުރަން ފެށީ 2017 ވަނަ އަހަރުއެވެ. އެހެންނަމަވެސް އަދަށް އެ މަސައްކަތް ނިންމާފައެއް ނުވެއެވެ. ފްލެޓުތަކަށް ފައިސާ ދެއްކި މީހުންނަށް ފްލެޓު ހަވާލުނުކޮށް ގިނަ ދުވަސްވެފައިވާތީ އެ މީހުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ވެއެވެ.
މި ޕްރޮޖެކްޓް ނިންމުމަށްޓަކައި އެޗްޑީސީން އެކި ފަހަރު މަތިން ޖާހު ކުންފުންޏަށް މުއްދަތު އިތުރުކޮށްދީފައިވީ ނަމަވެސް މަސައްކަތް ނުނިންމާތީ، އެޗްޑީސީން ވަނީ އެ ކުންފުންޏާއެކު ވެފައިވާ އެއްބަސްވުން ބާތިލްކޮށް، ތަން ހަވާލުކުރުމަށް އަންގައިފައެވެ. ޖާހު ފްލެޓުތަކުގެ ނުނިމި ހުރި މަސައްކަތްތައް ނިންމުމަށް ރަޝީދު ކާޕެންޓްރީ (އާރުސީސީ)އާ މިދިޔަ މަހު ހަވާލުކޮށްފައިވާ ކަމަށް ވެއެވެ.
ކޮމެންޓު ފޮނުވާ