އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަކަށް ބިރުދައްކައި ތިންލައްކައަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ މައްސަލައަކާއި މަސްތުވާތަކެތީގެ ވިޔަފާރިކުރި މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށް، 7 ދުވަހަށް ބަންދުކޮށްފައިވެއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިއަދު ހާމަކުރި މަޢުލޫމާތަށް ބަލާއިރު، އޮގަސްޓު 2 ވަނަ ދުވަހު ހައްޔަރުކުރެވިފައިވަނީ ސ. ފޭދޫ، ލިލީގަސްދޮށުގެ މުހައްމަދު ފަވާޒު ލުތުފީ (32އ) އާއި މާލެ، މއ. ޔެލޯޑައިމަންޑް، އާމިނަތު ފައިނާޒް (33އ) އެވެ.
ފުލުހުން ހާމަކުރި ގޮތުގައި، މުހައްމަދު ފަވާޒު ލުތުފީ ހައްޔަރުކުރެވިފައިވަނީ ބްލެކްމެއިލްކޮށް ބިރުދައްކައި ފައިސާ ހޯދުމާއި މަސްތުވާތަކެތީގެ ވިޔަފާރިކުރި ދެ މައްސަލައާ ގުޅިގެންނެވެ. އާމިނަތު ފައިނާޒް ހައްޔަރުކުރެވިފައިވަނީ މަސްތުވާތަކެތީގެ ވިޔަފާރިކުރި މައްސަލައާ ގުޅިގެންނެވެ.
ބްލެކްމެއިލްގެ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ 2024 ޑިސެމްބަރު 19 ވަނަ ދުވަހުއެވެ. އޮރިޔާންކާޑު ހުރިކަމަށް ބުނެ ދިވެހި ފިރިހެނަކަށް ބިރުދައްކައި، އެކި ފަހަރުމަތިން ތިންލައްކައަށްވުރެ ގިނަ ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މުހައްމަދު ފަވާޒު ލުތުފީ ދިރިއުޅޭ ކަމަށް ބެލެވޭ ހުޅުމާލޭގެ އެޕާޓްމަންޓެއް ކޯޓު އަމުރެއްގެ ދަށުން ބަލައިފާސްކުރުމުން، އެތަނުން ސިމްކާޑުތަކާއި މޯބައިލް ފޯނުތަކާއި މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ރަބަރު ޕެކެޓަކާއި މަސްތުވާތަކެތީގެ ވިޔަފާރިއަށް ބޭނުންކުރާ ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރިއެވެ.
އާމިނަތު ފައިނާޒް ހައްޔަރުކުރިއިރު، އޭނާ ލައިގެން ހުރި އަންނައުނުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި ރަބަރު ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި ދެ މީހުން ކޯޓަށް ހާޒިރުކުރުމުން، ދެ މީހުން ވެސް 7 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައިވެއެވެ. ބްލެކްމެއިލްކޮށް ފައިސާ ހޯދި މައްސަލައާއި މަސްތުވާތަކެތީގެ ވިޔަފާރިކުރި މައްސަލަ ވަކިވަކި މައްސަލަތަކެއްގެ ގޮތުގައި ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ