ގަވާއިދުން ބޭސްފަރުވާއަށް ދަތުރުކުރަން ޖެހޭ މީހުންނަށް އާރުޓީއެލް ފެރީއިން ހިލޭ ދަތުރުކުރެވޭނެ ގޮތް ހަމަޖައްސަން މަސައްކަތް ކުރަމުން އަންނަ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އިބްރާހިމް ޔާސިރު ވިދާޅުވީ، ބޮޑެތި ބަލިތަކަށް ގަވާއިދުން އެއް ރަށުން އަނެއް ރަށަށް ދަތުރުކުރާ މީހުންނަށް ހިލޭ ދަތުރުކުރެވޭނެ ގޮތްތަކެއް ކަނޑައަޅަން އެންސްޕާ، އެމްޓީސީސީ އަދި ޓްރާންސްޕޯޓް މިނިސްޓްރީން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
މިހާރު އާރުޓީއެލް ފެރީގައި ހިލޭ ދަތުރުކުރެވެނީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އެކަނި ކަމަށާއި، އެހެންނަމަވެސް ކޮންމެ ދުވަހަކު ނުވަތަ އާންމުކޮށް ބޭސްފަރުވާގެ ހިދުމަތް ހޯދަން ބޭނުންވާ މީހުންނަށްވެސް ހިލޭ ދަތުރުކުރެވޭނެ ގޮތްތަކެއް ކަނޑައަޅަމުން ދާ ކަމަށް ޔާސިރު ވިދާޅުވިއެވެ.
އެގޮތުން އެންސްޕާ މެދުވެރިކޮށް އެހީ ލިބޭ ފަރާތްތަކަށް ބީއެމްއެލް މެދުވެރިކޮށް ހާއްސަ ކާޑެއް ދޫކުރާ ކަމަށާއި، އެ ކާޑު ބޭނުންކޮށްގެން ދަތުރު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ. މިސާލަކަށް ޑައިލިސިސް ހަދަން ދާ މީހަކާއި އެ މީހެއްގެ އެހީތެރިއަކަށް މި ފުރުސަތު ލިބޭނެ ކަމަށް ޔާސިރު ފާހަގަކުރެއްވިއެވެ.
ވަކި ބަޔަކަށް އެކަނި ހިލޭ ދަތުރުކުރަން ލިބޭތީ ބައެއް މީހުންގެ ޝަކުވާތައް ލިބެމުން އަންނަ ކަމަށް ޔާސިރު ވިދާޅުވި އިރު، ހަމަހަމަކޮށް އެކަން ކުރެވޭނެ ގޮތެއް ވަރަށް އަވަހަށް ހަމަޖެހޭނެ ކަމަށް އޭނާ ޔަގީންކަން ދެއްވިއެވެ.
ހައި ސްޕީޑް ފެރީ ނެޓްވޯކަކުން ރާއްޖެ ގުޅާލުމަށް ފަރުމާކޮށްފައިވާ އިންޓަގްރޭޓެޑް ޕަބްލިކް ފެރީ ނެޓްވޯކު، އާރުޓީއެލް މަޝްރޫއުގެ ދަށުން ހިދުމަތް ދޭން ނިންމާފައިވަނީ ހަ ޒޯނަކަށް ބަހާލައިގެންނެވެ. މިހާރު މި ހިދުމަތް ދެނީ ހއ.، ހދ.، ށ. ހިމެނޭ ޒޯނުގެ އިތުރުން ނ.، ރ.، ބ. އަދި ޅ. އަތޮޅުގެ ޒޯނު އަދި އެންމެ ދެކުނުން ގއ.، ގދ.، ފުވައްމުލައް އަދި އައްޑޫގައެވެ. މިހާރު މި ހިދުމަތް ދޭ އަތޮޅުތަކުގެ ޖުމުލަ އަދަދަކީ 11 އެވެ.
ކޮމެންޓު ފޮނުވާ