ހައިކޯޓުގެ ފަނޑިޔާރުކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން އައްޔަންކުރަން ނިންމާފައިވާ އަލްއުސްތާޛު މުހައްމަދު ޝަހީދު، އޭނާގެ ނަން އަނބުރާ ގެންދިޔުމަށް އެދި ޖޭއެސްސީއަށް ހުށަހަޅައިފިއެވެ. މި ނިންމުމަށް މެދުވެރިވި ސަބަބަކީ ޝަރުޢީ ދާއިރާއަށް އޮންނަ އިތުބާރު ދެމެހެއްޓުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ޝަހީދު ބަޔާން ކޮށްފައި ވެއެވެ.
ޖޭއެސްސީގެ ރައީސް އަލްއުސްތާޛް ހުސެއިން ރިޒާއަށް ފޮނުވި ސިޓީއެއްގައި ޝަހީދު އެދިވަޑައިގަތީ، ފަނޑިޔާރުކަމަށް ހުށަހެޅި އެޕްލިކޭޝަން ބާތިލްކޮށްދިނުމަށެވެ. މިގޮތަށް ނިންމެވި މައިގަނޑު ސަބަބަކީ، ބައެއް ފަރާތްތަކުން އޭނާއަކީ ސިޔާސީ މީހެއްގެ ގޮތުގައި ދެކެމުންދާތީ، ނަޒާހަތްތެރިކަމާ މެދު އާންމުންގެ ހިތުގައި ސުވާލު އުފެދުމުގެ ފުރުސަތު ނުދިނުމެވެ.
ދާޚިލީ ވުޒާރާގެ ވަޒީރުގެ ނައިބެއްގެ މަޤާމުގައި ކުރިން މަސައްކަތްކުރެއްވި ޝަހީދު ވިދާޅުވީ، އެ މަޤާމުން އިސްތިއުފާދީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލީ އަމިއްލަ އިޚްތިޔާރުގައި ސިޔާސީ ދާއިރާއިން ދުރުވުމުގެ ބޭނުމުގައި ކަމަށެވެ. މަޤާމަށް ކުރިމަތިލުމުގައި އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތްކަން އޭނާ ޔަޤީންކަންދެއްވިއެވެ.
ޝަހީދުގެ ސިޓީގައި ފާހަގަކުރެއްވި ގޮތުގައި، މި ފިޔަވަޅަކީ ދިވެހި ގައުމަށާއި ޖުޑީޝަރީގެ މުސްތަގިއްލުކަން ހިމާޔަތްކުރުމަށް އަޅާ ފިޔަވަޅެކެވެ. ފަނޑިޔާރުކަމުގެ ޝަރުތު ހަމަނުވާ މީހެއްކަމަށް ބައެއް ފަރާތްތަކުން ދައްކަން މަސައްކަތްކުރިނަމަވެސް، އޭނާއަކީ ގާނޫނީ ވަކީލުކަމުގައި ފަސް އަހަރަށްވުރެ ގިނަ ދުވަހު ތަޖުރިބާ ލިބިފައިވާ، ހައިކޯޓުގެ ފަނޑިޔާރުކަމަށް ބޭނުންވާ ހުރިހާ ޝަރުތެއް ފުރިހަމަވާ މީހެއްކަމަށް ޝަހީދު ބަޔާންކުރެއްވިއެވެ.
ޝަހީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދުވެސް ކުރިން އައްޔަންކުރެވުނީ ރިޔާސީ ކޮމިޝަންގައި މަސައްކަތްކުރެއްވުމަށްފަހުއެވެ. ރިޔާސީ ކޮމިޝަންގައި ސިޔާސީ މަސައްކަތްކުރެއްވި ނަމަވެސް، އެ ބޭފުޅާވެސް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އޭރު ޝަރުތު ހަމަވިކަން އޭނާ ހަނދާންކޮށްދެއްވިއެވެ.
ހައިކޯޓުގެ ފަނޑިޔާރުކަމަށް ޝަހީދާއި ސިވިލް ކޯޓުގެ ކުރީގެ ގާޟީ ޢަބްދުﷲ ޖަމީލް މޫސާ އައްޔަންކުރުމަށް ބާއްވާ ރަސްމިއްޔާތުގައި ބައިވެރިނުވާނެކަމަށްވެސް ޝަހީދު ޖޭއެސްސީއަށް އަންގަވާފައިވެއެވެ.
ކޮމެންޓު ފޮނުވާ