ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ލިއޮނަލް މެސީ، މި އަހަރުގެ ޑިސެމްބަރު މަހު އިންޑިއާ އަށް ޚާއްޞަ ދަތުރެއް ކުރާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އިންޑިއާގެ އިވެންޓް މެނޭޖްމަންޓް ކުންފުންޏަކުން ހާމަކޮށްފި އެވެ. މި ދަތުރުގައި އާޖެންޓީނާގެ މި ސްޓާރު ކުޅުންތެރިޔާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރާ މޯދީއާ ބައްދަލުކުރުމުގެ އިތުރުން، އެ ގައުމުގެ އެކި ސިޓީތަކުގައި ފުޓްބޯޅައާ ގުޅޭ ގިނަ ހަރަކާތްތަކެއްގައި ބައިވެރިވާނެ އެވެ.
ޑިސެމްބަރު 12 ގައި ފެށޭ މި ދަތުރުގައި މެސީ އެންމެ ފުރަތަމަ ޒިޔާރަތްކުރާނީ ކަލްކަތާ އެވެ. އިންޑިއާގެ ފުޓްބޯޅައިގެ މަރުކަޒު ކަމުގައިވާ މި ސިޓީގައި މެސީގެ ނަމުގައި ގާއިމުކުރާ ހަނދާނީ ބިނާއެއް އޭނާ ހުޅުވައިދޭނެ އެވެ. އަދި ތާރީޚީ އީޑެން ގާޑެންސް ސްޓޭޑިއަމުގައި ބާއްވާ ގޯޓް ކަޕް މުބާރާތާއި ގޯޓް ކޮންސަޓުގައި ވެސް މެސީ ބައިވެރިވާނެ އެވެ.
ގޯޓް ކަޕަކީ ސެވަން އަ ސައިޑް ފޯމެޓުގައި ކުޅޭ މުބާރާތެއް ކަމަށާއި، މި މުބާރާތުގައި އިންޑިއާގެ ކްރިކެޓް ލެޖެންޑުން ކަމަށްވާ ސޯރަވް ގަންގޫލީ، ލެއަންޑާ ޕައެސް، ބައިޗުން ބުޓިއާ އާއި ބޮލީވުޑް ތަރި ޖޯން އަބްރަހަމް ވެސް ބައިވެރިވާނެ ކަމަށް މި ދަތުރުގެ އިންތިޒާމުކުރާ ފަރާތުން ބުނެ އެވެ. އީޑެން ގާޑެންސް އަކީ ބްރެޒިލްގެ ފުޓްބޯޅައިގެ ބާދިޝާހު ޕެލޭ ވެސް ކުޅެފައިވާ ތަނެއް ކަމުގައި ފާހަގަކުރެވެ އެވެ.
ކަލްކަތާ އިން ފަހުން މެސީ ދާނީ އަހުމަދުއާބާދަށް ކަމަށާއި، އެތާނގައި އިންޑިއާގެ ބިލިއަނަރު ވިޔަފާރިވެރިޔާ ގޯތަމް އަދާނީގެ ފައުންޑޭޝަނުން އިންތިޒާމުކުރާ ޕްރައިވެޓް އިވެންޓެއްގައި ބައިވެރިވާނެ ކަމަށް ވެއެވެ. އޭގެ ފަހުން މުމްބާއީ އަށް ގޮސް، ވަންކެޑޭ ސްޓޭޑިއަމުގައި ބާއްވާ އިތުރު ގޯޓް ކަޕް މުބާރާތެއްގައި ކުޅޭނެ އެވެ.
މި ދަތުރުގެ އެންމެ މުހިންމު ވަގުތަކީ ޑިސެމްބަރު 15 ގައި ނިއު ދިއްލީގައި ބޮޑުވަޒީރު މޯދީއާ ކުރާ ބައްދަލުކުރުން ކަމުގައި ބެލެވެ އެވެ. މި ބައްދަލުކުރުމުގެ ތަފްސީލު އަދި ހާމަކޮށްފައި ނުވި ނަމަވެސް، މި ދެ މަޝްހޫރު ޝަޚްޞިއްޔަތުންގެ ބައްދަލުކުރުމަކީ އިންޑިއާގައި ފުޓްބޯޅައިގެ މަގުބޫލުކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތުގެ ބައެއް ކަމުގައި ވެދާނެ އެވެ. ވެރިރަށުގައި މެސީ ބައިވެރިވާނީ ފީރޯޒް ޝާހު ކޮޓްލާ ސްޓޭޑިއަމުގައި ބާއްވާ ގޯޓް ކަޕުގައި އެވެ.
މެސީގެ މި ދަތުރުގެ ޚާއްޞަ ކަމެއް ކަމުގައި ފާހަގަކުރެވެނީ، ކޮންމެ ސިޓީއެއްގައި ވެސް ކުޑަކުދިންނަށް ޚާއްޞަކޮށްގެން ބާއްވާ މާސްޓާކްލާސް ސެޝަންތަކެވެ. އަދި އެ ސިޓީތަކުގެ ފުޓްބޯޅަ ޝައުގުވެރިންނާ ބައްދަލުކުރުމުގެ ފުރުޞަތު ވެސް އޮންނާނެ އެވެ.
ކްރިކެޓް ކުޅިވަރަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ދޭ އިންޑިއާގައި ފަހުގެ އަހަރުތަކުގައި ފުޓްބޯޅައިގެ މަގުބޫލުކަން ވަނީ ބޮޑަށް އިތުރުވެފަ އެވެ. ޚާއްޞަގޮތެއްގައި ޒުވާނުންގެ މެދުގައި ޔޫރަޕުގެ ފުޓްބޯޅަ ލީގުތައް ބަލާ މީހުންގެ އަދަދު ވަނީ ގިނަވެފަ އެވެ. ފީފާ އިން ވެސް އިންޑިއާގެ ބޮޑު އާބާދީ އަށް ބަލައި، އެ ގައުމުގައި ފުޓްބޯޅަ ތަރައްގީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ރިޕޯޓުތަކުން ދައްކަ އެވެ.
ކޮމެންޓު ފޮނުވާ