ތިމާވެށި ހިމާޔަތްކުރުމަށް ނަގާ ގްރީން ޓެކްސްގެ ގޮތުގައި މި އަހަރުގެ މިހާތަނަށް ދައުލަތަށް ލިބިފައިވަނީ 1.1 ބިލިއަން ރުފިޔާ އެވެ. ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ މަޢުލޫމާތުތަކުން އެނގޭ ގޮތުގައި މިދިޔަ މަހުގެ 17 ވަނަ ދުވަހާ ހަމައަށް މި އަދަދު ލިބިފައިވާއިރު، އެއީ ފާއިތުވި އަހަރުގެ އެއްވަރު މުއްދަތުގައި ލިބުނު 587 މިލިއަން ރުފިޔާއާ އަޅާބަލާއިރު 563.4 މިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.
ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ މުހިންމު މަޝްރޫޢުތަކަށް ބޭނުންވާ ފައިސާ ހޯދުމުގެ ގޮތުން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ގްރީން ޓެކްސް ނަގަން ފަށާފައިވަނީ އެވެ. މި ޓެކްސް ނަގަނީ ޓޫރިސްޓް ރިޒޯޓުތަކާއި ހޮޓާތަކާއި ގެސްޓްހައުސްތަކުގެ އިތުރުން ޓޫރިސްޓް އުޅަނދުފަހަރުގައި މަޑުކުރާ ފަތުރުވެރިންގެ އަތުންނެވެ. ފަތުރުވެރިއަކު މިފަދަ ތަނެއްގައި ހޭދަކުރާ ކޮންމެ ދުވަހަކަށް މި ޓެކްސް ދައްކަންޖެހެ އެވެ.
ޓޫރިސްޓް ރިޒޯޓުތަކާއި އިންޓެގްރޭޓެޑް ޓޫރިސްޓް ރިޒޯޓުތަކާއި ޓޫރިސްޓް ހޮޓާތަކުން ދުވާލަކަށް ނަގަނީ 12 ޑޮލަރެވެ. ހަމަ މި އަދަދު ނަގަނީ ރިޒޯޓް ހޮޓާތަކުންނާއި މީހުން ދިރިނޫޅޭ ރަށްރަށުގައި ހުންނަ ހޮޓާތަކުން ނުވަތަ 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ހޮޓާތަކުންނެވެ. އަދި ޓޫރިސްޓް އުޅަނދުފަހަރުގައި މަޑުކުރާ ފަތުރުވެރިންގެ އަތުންވެސް ދުވާލަކަށް 12 ޑޮލަރު ނަގައެވެ.
އެހެންނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ 50 ކޮޓަރި ނުވަތަ އެއަށްވުރެ މަދު ކޮޓަރި ހުންނަ ހޮޓާތަކާއި ގެސްޓްހައުސްތަކުން ނަގަނީ ދުވާލަކަށް 6 ޑޮލަރެވެ. މީހުން ދިރިނޫޅޭ ރަށްރަށުގައި ހުންނަ ގެސްޓްހައުސްތަކުން ނުވަތަ 50 ކޮޓަރިއަށްވުރެ ގިނަ ކޮޓަރި ހުންނަ ގެސްޓްހައުސްތަކުން ނަގަނީ 12 ޑޮލަރެވެ. މީގެ އިތުރުން އެނޫން ޓޫރިސްޓް ތަންތަނުންވެސް ދުވާލަކަށް 12 ޑޮލަރު ނެގެ އެވެ.
ގްރީން ޓެކްސްގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން އުމުރުން 2 އަހަރު ނުފުރޭ ކުޑަކުދިންނަކީ މި ޓެކްސް ދެއްކުމުން އިސްތިސްނާވާ ފަރާތްތަކެވެ. މި ޓެކްސް އިން ލިބޭ އާމްދަނީ ބޭނުންކުރަނީ ރާއްޖޭގެ ތިމާވެށި ހިމާޔަތްކުރުމާއި ކުނި މެނޭޖްކުރުމާއި ތިމާވެށި ރައްކާތެރިކުރުމުގެ އެކިއެކި މަޝްރޫޢުތައް ހިންގުމަށެވެ.
ކޮމެންޓު ފޮނުވާ