ދިވެހި ވިޔަފާރިވެރިންނަށް ދިގު މުއްދަތަކަށް ސްރީލަންކާއިން ބިން ކުއްޔަށް ހިފުމުގެ ފުރުޞަތު ފަހިކޮށްދިނުމަށް ސްރީލަންކާ ސަރުކާރުން ތައްޔާރުވެފައިވާ ކަމަށް ދިވެހިރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅާފައި ތިއްބެވި ސަފީރު މައްސޫދު އިމާދު ހާމަކުރައްވައިފިއެވެ.
ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ސަފީރު ވިދާޅުވީ، ސްރީލަންކާގެ ރައީސް އަނޫރާ ކުމާރާ ޑިސަނާޔަކެ ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ވިޔަފާރީގެ ގުޅުން ބަދަހިކުރުމަށް މުހިންމު މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
ސްރީލަންކާގެ ޤާނޫނީ އޮނިގަނޑުގެ ތެރެއިން ދިވެހި އިންވެސްޓަރުންނަށް ބިން ކުއްޔަށް ދިނުމުގެ އިތުރުން، ހޮސްޕިޓަލް ހިންގުމާއި އެހެނިހެން ވިޔަފާރިތައް ކުރިއަށް ގެންދިއުމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ސްރީލަންކާ ސަރުކާރުން އިސްކަމެއް ދޭކަމަށް ސަފީރު ފާހަގަކުރެއްވިއެވެ.
ސްރީލަންކާގައި ހޮސްޕިޓަލް ހިންގަން ޝައުޤުވެރިވާ ދިވެހި ފަރާތްތަކަށް، އެ ޤައުމުގެ ޞިއްޙީ ދާއިރާގައި އިންވެސްޓްކުރުމުގެ ފުރުޞަތުތައް ފަހިކޮށްދިނުމާ ބެހޭގޮތުންވެސް ދެ ޤައުމުގެ ލީޑަރުންގެ މެދުގައި މަޝްވަރާ ކުރެވިފައިވާކަމަށް ސަފީރު އިމާދު ވިދާޅުވިއެވެ.
ސްރީލަންކާގެ ރައީސްގެ ދަތުރުފުޅަކީ ދެ ޤައުމުގެ ގުޅުން ބަދަހިކޮށް، ދިވެހި ވިޔަފާރިވެރިންނަށް އާ ފުރުޞަތުތަކެއް ހުޅުވިގެންދިޔަ ދަތުރެއްކަމަށް ސަފީރު ވިދާޅުވެ، ސްރީލަންކާގައި ވިޔަފާރި ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ކޮޅޫމްބުގައި ހުންނަ ދިވެހި އެމްބަސީން ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަޤީންކަންވެސް ދެއްވިއެވެ.
ކޮމެންޓު ފޮނުވާ