ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހައިކޯޓަށް އައްޔަންކުރުން ހުއްޓުވަން ކޯޓަށް

ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު ހައިކޯޓަށް އައްޔަންކުރުން ހުއްޓުވަން ކޯޓަށް

Author
ހުސައިން
31 ޖުލައި 2025 06:32
0

ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމުގައި ދާދިފަހުން ހުންނެވި މުހައްމަދު ޝަހީދު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމުމާ ގުޅިގެން، އެ ނިންމުން ހުއްޓުވުމަށް އެދި މިއަދު ސިވިލް ކޯޓަށް މައްސަލައެއް ހުށަހެޅިފައިވެއެވެ.

ސުޕްރީމް ކޯޓަށް ބަދަލުކުރެވުނު ދެ ފަނޑިޔާރުންގެ ބަދަލުގައި ހައިކޯޓަށް ފަނޑިޔާރުން ހޯދުމަށް ހުޅުވާލުމުން 17 ފަރާތަކުން ކުރިމަތިލާފައިވާއިރު، ޖޭއެސްސީން އިއްޔެ ނިންމީ ޝަހީދުގެ އިތުރުން ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އައްޔަންކުރުމަށެވެ.

މިސަރުކާރު އުފެދުނުފަހުން ހޯމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަމަށް އައްޔަންކުރެވުނު ޝަހީދު، މިމަހުގެ ކުރީކޮޅު އެމަގާމުން އިސްތިއުފާ ދެއްވިއެވެ. މަގާމަށް އައްޔަންކުރެވުމުގެ ކުރިން ޕީއެންސީ އާއި ޕީޕީއެމްގެ ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވެފައިވާ ފަރާތެއް ކަމުގައި ޝަހީދު ވެއެވެ.

އެ މައްސަލަ ހުށަހެޅީ ހައިކޯޓުގެ ފަނޑިޔާރުކަމަށް މިފަހަރު ކުރިމަތިލި ވަކީލް އަހުމަދު ނައުޝާދެވެ. މައްސަލަ ނިމުމާ ހަމައަށް ޝަހީދު އައްޔަންކުރުން ފަސްކުރުމަށް ވަގުތީ އަމުރަކަށް އެދި ނައުޝާދު ވަނީ ހުށަހަޅާފައެވެ.

ނައުޝާދު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ސިޔާސީ މަގާމެއްގައި ހުންނެވި ފަރާތަކަށް ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު ނަޒާހަތްތެރިކަމާއެކު އަދާކުރެވޭނެކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ. ޝަރުއީ ދާއިރާގައި ދިގު މުއްދަތަކަށް މަސައްކަތްކޮށް ތަޖުރިބާ ހޯދާފައިވާ ގިނަ ފަރާތްތަކެއް ކުރިމަތިލާފައިވާއިރު، އަމިއްލަ ކުންފުންޏެއްގައި ވަކީލެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކު ހައިކޯޓަށް އައްޔަންކުރުމަކީ އެކަށީގެންވާ ކަމެއް ނޫންކަމަށް ނައުޝާދު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑަކީ މަގާމެއް ހޯދުމުގެ ބޭނުމުގައި މިކަން ކުރާ މީހެއް ނޫން،" ނައުޝާދު ވިދާޅުވިއެވެ.

ހައިކޯޓުގެ ފަނޑިޔާރުކަމަށް މިފަހަރު ކުރިމަތިލި 17 ފަރާތުގެ ތެރޭގައި ދަށު ކޯޓުތަކުގެ އެތައް ފަނޑިޔާރުންނަކާއި، ކުރިން ފަނޑިޔާރުކަމުގެ މަގާމު ފުރުއްވާފައިވާ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.