އއ. މާޅޮސް އޯކިޑުމާގޭ އަބްދުއްރަޙުމާން އާދަމް (65 އ) އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި، އޭނާ މަރުވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް އޮޓޮޕްސީގެ ވަގުތީ ރިޕޯޓުން ދައްކައިފިއެވެ.
ފުލުހުން ދީފައިވާ މައުލޫމާތުގައި ވާގޮތުން، މި މައްސަލައިގެ ތަޙްޤީޤަށް ބޭނުންވާ ހެކި ހޯދުމަށާއި މަރުގެ ސީދާ ސަބަބު ދެނެގަތުމަށްޓަކައި ޕޯސްޓްމޯޓަމް ހެދުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން، މިމަހުގެ 13 ވަނަ ދުވަހު އަބްދުއްރަޙްމާންގެ ހަށިގަނޑު މާލެ ގެނައުމަށްފަހު، 21 ވަނަ ދުވަހު އިންޑިއާގެ ތްރިވަންދްރަމްއަށް ފޮނުވާލާފައިވެއެވެ.
އޮޓޮޕްސީ ހެދުމަށްފަހު 23 ޖުލައިގައި ހަށިގަނޑު މާލެ ގެނެސް މޯޗަރީގައި ބާއްވާފައިވާ ކަމަށް ފުލުހުން ބުންޏެވެ. ބުރާސްފަތި ދުވަހު ފުލުހުން ދިން އެންމެ ފަހުގެ މައުލޫމާތުގައި، އޮޓޮޕްސީގެ ވަގުތީ ރިޕޯޓުގައި އޭނާ ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ފާހަގަކޮށްފައިވާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށްވެސް ފުލުހުން ފާހަގަކުރެއެވެ. ނަމަވެސް، ތަޙްޤީޤުގައި އެކި އޭންގަލްތަކަށް ފޯކަސްކޮށްގެން ވަކިވަކި މަސައްކަތްތަކެއް ކުރަމުން ގެންދާ ކަމަށް ބުނެފައިވެއެވެ.
ފުލުހުން ބުނި ގޮތުގައި، އަބްދުއްރަޙްމާންގެ އާއިލާއާއި ގާތްގުޅުން އޮތް ފަރާތްތަކާ ވާހަކަދައްކައި ސުވާލުކުރަމުން ގެންދާ ކަމަށާއި، އެފަރާތްތަކުގެ އެއްބާރުލުމާއެކު މި ހާދިސާގެ ހަގީގަތްތައް ހޯދައި ދެނެގަތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
ތަޙްޤީޤުގައި ކުރެވެމުންދާ ވަކިވަކި މަސައްކަތްތަކާ ގުޅޭ ތަފްސީލު މައުލޫމާތު ދިނުމުގެ ބަދަލުގައި، ތަޙްޤީޤު ކުރިއަށްދާ މިންވަރަކުން ހާމަކުރެވެން ހުރި މައުލޫމާތު ހާމަކުރަމުން ގެންދާނެ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
ކޮމެންޓު ފޮނުވާ