ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު މައުރޫފް ޖަމީލް، ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)ގެ އެންގުމުން މަޤާމުން އިސްތިއުފާ ދެއްވައިފިއެވެ.
މައުރޫފް ފުރަތަމަ ނިންމަވާފައިވަނީ އަންނަ މަހުގެ 18 ގައި ރިޓަޔާ ކުރެއްވުމަށް ކަމަށްވީ ނަމަވެސް، ލިބިފައިވާ މަޢުލޫމާތުގެ ދަށުން ޕީސީބީގެ އެންގުމަކަށް އޭނާ މިހާރު ވަނީ މަޤާމުން ވަކިވެވަޑައިގެންފައެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު 22 ގައި އެޗްޑީސީގެ އެމްޑީ މަޤާމާ ހަވާލުވެވަޑައިގަތް މައުރޫފް، އޭގެފަހުން ކުންފުންޏަށް މުހިންމު އިސްލާހުތަކެއް ގެނެސްދެއްވި ކަމަށް އޭނާ ފާހަގަކުރައްވާފައިވެއެވެ. އޭގެ ތެރޭގައި ހުޅުމާލޭގެ މާސްޓަރޕްލޭނަށް ބޭނުންވާ އިސްލާހުތައް ގެނައުމާއި، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ކުރެވުނު މަސައްކަތްތައް ހިމެނެއެވެ.
އޭނާ ވިދާޅުވި ގޮތުގައި މި ދެ މުހިންމު ލަނޑުދަނޑި ހާސިލުކުރެވުނު ކަމަށާއި، ކުންފުނީގެ ހިންގުމަށް އިސްލާހީ ބަދަލުތަކެއް ގެނެވުނު ކަމަށް ފާހަގަކުރެއްވިއެވެ.
މައުރޫފަކީ މީގެ ކުރިން ރައީސް މައުމޫން އަބްދުލްޤައްޔޫމުގެ ވެރިކަމުގައި ހުޅުމާލޭ ތަރައްޤީ ކުރުމާ ބެހޭ ޔުނިޓުގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު އަދާކުރެއްވި ބޭފުޅެކެވެ. އޭނާ އެޗްޑީސީގެ އެމްޑީ މަޤާމަށް އައްޔަންކުރެވުނީ، ކުރިން އެ މަޤާމުގައި ހުންނެވި އިބްރާހިމް ފަޒުލް ރަޝީދް ކޮރަޕްޝަންގެ ތުހުމަތުތަކެއްގައި މަޤާމުން އިސްތިއުފާ ދެއްވުމަށްފަހުގައެވެ.
އެޗްޑީސީގެ އެމްޑީ މަޤާމުން މައުރޫފް ވަކިވުމާ ގުޅިގެން، އެ ކުންފުނީގެ ކުރިމަގާމެދު ސުވާލުތަކެއް އުފެދިފައިވާއިރު، އަލަށް އެމްޑީއެއް އައްޔަންކުރާނެ ގޮތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ