މިނިވަން ދުވަހުގެ ބަންދު ނިމުނުފަހު ބާއްވަން ހަމަޖެހިފައިވި ރައްޔިތުންގެ މަޖިލީހުގެ އިއްޔެއާއި މިއަދުގެ ޖަލްސާތައް އެއްވެސް ސަބަބެއް ނާންގައި ކެންސަލްކޮށްފިއެވެ.
ސަރުކާރުގެ އިދާރާތައް އިއްޔެ ހުޅުވި ނަމަވެސް، މަޖިލީހުގެ ޖަލްސާތައް ބާއްވާފައެއް ނުވެއެވެ. މި ޖަލްސާތައް ނުބާއްވާ ސަބަބާ ގުޅޭގޮތުން މަޖިލިސް އިދާރާގެ ބަހެއް އަދި ލިބިފައެއް ނުވެއެވެ.
މަޖިލިސް ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުން، މަޖިލިސް ޗުއްޓީގައި ނުވަތަ ސަރުކާރު ބަންދުގައި ނޫންނަމަ ކޮންމެ ހަފުތާއެއްގެ ތިން ދުވަހު ޖަލްސާ ބާއްވަންޖެހެއެވެ. އާންމު އުސޫލެއްގެ ގޮތުން މި ޖަލްސާތައް ބޭއްވެނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހުއެވެ.
20 ވަނަ މަޖިލިސް ފެށުނުތާ މިހާތަނަށް، ވަކި ސަބަބެއް ނާންގައި ޖަލްސާތައް ކެންސަލްކުރުމުގެ މައްސަލަ ތަކުރާރުވަމުންދާއިރު، މިކަމާ ގުޅިގެން ރައްޔިތުންގެ ފާޑުކިޔުން އިތުރުވަމުންދެއެވެ. ޚާއްޞަކޮށް މެންބަރުންނަށް ލިބޭ 82،500 ރުފިޔާގެ މުސާރައާ އެކަށީގެންވާ މިންވަރަށް މަސައްކަތް ނުކުރާ ކަމަށް ބުނެ، އެ މުސާރަ ކުޑަކުރުމަށް ގޮވާލައި ޕެޓިޝަނެއްގައި ވެސް ގިނަ ބަޔަކު ސޮއިކޮށްފައިވެއެވެ.
ސަރުކާރާ އިދިކޮޅު މެންބަރުން ފާހަގަކުރާ ގޮތުގައި، ބަންޑާރަނައިބުގެ އޮފީހުން މަޖިލީހަށް ފޮނުވަންޖެހޭ މުހިންމު ބިލުތައް ފޮނުވުމުގައި ލަސްވަމުންދާއިރު، ޖަލްސާތައް ނުބާއްވައި ކެންސަލްކުރަމުން ދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ކުރިން ވިދާޅުވެފައިވަނީ، ތަޅުމުގައި ކުރާނެ މަސައްކަތެއް ނެތް ނަމަވެސް ކޮމިޓީތަކުގެ މަސައްކަތް ކުރިއަށްދާނެ ކަމަށާއި، މަޖިލީހުގެ ގިނަ މަސައްކަތްތައް ކުރިއަށްދަނީ ކޮމިޓީ މަރުހަލާގައި ކަމަށެވެ.
މަޖިލިސް އިދާރާއިން ދެ ދުވަސް ކުރިން ބުނެފައިވާ ގޮތުގައި، މެންބަރުންގެ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި ސްޕޮންސާކުރާ ބިލުގެ އަދަދުން ނޫން ކަމަށާއި، މަސައްކަތުގެ އެކި މަރުހަލާތަކުގައި މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ ހިމެނޭ ކަމަށް ވެސް ފާހަގަކޮށްފައިވެއެވެ.
ކޮމެންޓު ފޮނުވާ