ޓްރާންސްޕޯޓް މިނިސްޓްރީގެ ސާވާއަށް ދިމާވި ޓެކްނިކަލް މައްސަލަ ހައްލުވެ، އެ މިނިސްޓްރީން އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތައް އަލުން ފަށައިފިއެވެ. މިނިސްޓްރީން މިއަދު ވިދާޅުވީ ރޭގެ ވަގުތެއްގައި ޓެކްނިކަލް ޓީމުން ކުރި މަސައްކަތުން މި މައްސަލަ ފުރިހަމައަށް ހައްލުކުރެވިފައިވާ ކަމަށެވެ.
އިއްޔެ ހެނދުނު ސާވާ އޯވާހީޓްވުމުގެ ސަބަބުން މިނިސްޓްރީގެ އޮންލައިން ޚިދުމަތްތައް މުޅި ދުވާލު މެދުކެނޑިފައި ވަނީ ރައްޔިތުންނަށް ވަރަށް ބޮޑު ދަތިތަކެއް ވެފައެވެ. މިނިސްޓްރީގެ އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި މިހާރު ވަނީ އޮންލައިންކޮށް ފޯރުކޮށްދޭ ހުރިހާ ޚިދުމަތެއް އާންމު ގޮތެއްގައި ލިބެން ފަށާފައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން އޮންލައިންކޮށް ފޯރުކޮށްދޭ ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ހުރިހާ ޚިދުމަތެއް އެއް ޕޯޓަލަކުން ފޯރުކޮށްދިނުމުގެ މަޝްރޫޢެއް ދިވެހި ކުންފުންޏަކާ ހަވާލުކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން މި މަހުގެ ކުރީކޮޅު ވިދާޅުވެފައިވެއެވެ.
މިނިސްޓަރު ފާހަގަކުރެއްވީ ކުރީ ސަރުކާރުގައި ބޭނުންކުރަމުން އައި ޕޯޓަލްގައި ރައްކާތެރިކަމުގެ މައްސަލަތަކެއް ހުރި ކަމަށާއި، ވަރަށް ގިނަ ފަރާތްތަކަކަށް ވަދެވޭ ގޮތަށް އޮތް ކަމަށެވެ. އައު ޕޯޓަލް ތައްޔާރުކުރުމުގެ މަސައްކަތް ހަ މަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް އުންމީދުކުރާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ