ރަޝިޔާއަށް ފާއިތުވި 70 އަހަރުގެ ތެރޭގައި އެންމެ ބާރުގަދަ ބިންހެލުމުން ރާއްޖެއަށް ނުރައްކަލެއް ނެތްކަމުގައި މެޓް އޮފީހުން ބުނެފިއެވެ.
ރަޝިޔާގެ ކަމްޗަޓްކާ ސަރަހައްދަށް މިއަދު ވަނީ 8.8 މެގްނިޓިއުޑުގެ ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. މިއީ 1952 ވަނަ އަހަރުން ފެށިގެން އެ ސަރަހައްދަށް އައި އެންމެ ބާރުގަދަ ބިންހެލުން ކަމަށް ބިންހެލުން ދިރާސާކުރާ ބައިނަލްއަޤްވާމީ މުއައްސަސާތަކުން ހާމަކޮށްފައިވެއެވެ.
ޕެޓްރޯޕަވްލޮވްސްކް-ކަމްޗަޓްސްކީގެ އިރުން 136 ކިލޯމީޓަރު ދުރުގައި މެދުވެރިވި މި ބިންހެލުމުގެ ސަބަބުން ޖަޕާނާއި ރަޝިޔާގެ ސަރަހައްދުތަކަށް ސުނާމީ ރާޅު އަރަމުންދާ ކަމަށް ރިޕޯޓުތައް ލިބެމުންދެއެވެ. މި ހާދިސާއާ ގުޅިގެން ޕެސިފިކް ސަރަހައްދުގެ ގައުމުތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް މަޢުލޫމާތު ލިބެއެވެ.
ނަމަވެސް ދިވެހިރާއްޖެގެ މޫސުމާ ބެހޭ ޤައުމީ މަރުކަޒުން ހާމަކުރި ގޮތުގައި މި ބިންހެލުމުގެ އަސަރެއް ރާއްޖެއަށް ނުކުރާނެއެވެ. މެޓު އޮފީހުގެ މީޑިއާ އޮފިޝަލަކު ބައެއް މީޑިއާތަކަށް މައުލޫމާތު ދެއްވަމުން ވިދާޅުވި ގޮތުގައި، ބިންހެލުން އައި ސަރަހައްދާ ރާއްޖެ ދުރުގައި އޮތުމުގެ އިތުރުން، ބިންހެލުމުގެ ބާރު ރާއްޖެއަށް ފޯރާނެ މިންވަރެއް ނޯންނާނެ ކަމަށް ޔަޤީންކަން އޮތެވެ.
އިންޑިއާގެ މޫސުމާ ބެހޭ އިދާރާއިން ވެސް އެގައުމުގެ ކަނޑު ސަރަހައްދަށް މި ބިންހެލުމުގެ އަސަރެއް ނުކުރާނެ ކަމަށް އިޢުލާންކޮށްފައިވާއިރު، އިންޑިއާ ކަނޑުގެ ސަރަހައްދުގައި ހިމެނޭ ދިވެހިރާއްޖެއަށް ވެސް އެއްވެސް ނުރައްކަލެއް ނެތް ކަމަށް ކަށަވަރުވެއެވެ.
ކޮމެންޓު ފޮނުވާ