ފަލަސްތީނުގެ މައްސަލައަށް ދެ ދައުލަތުގެ ހައްލެއް ހޯދުމަށްޓަކައި އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ.ގެ މައި އޮފީހުގައި ބޭއްވި ބައިނަލްއަގުވާމީ ކޮންފަރެންސެއްގައި ދިވެހިރާއްޖެއިން ބައިވެރިވެއްޖެއެވެ. ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ މި ކޮންފަރެންސަކީ "ހައި ލެވަލް އިންޓަނޭޝަނަލް ކޮންފަރަންސް އޮން ދަ އިމްޕްލިމެންޓޭޝަން އޮފް ދަ ޓޫ ސްޓޭޓް ސޮލިއުޝަން" ގެ ނަމުގައި ބޭއްވުނު ބައްދަލުވުމެކެވެ.
އދ.ގައި ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުހައްމަދުގެ އިސްނެންގެވުމާއެކު ރާއްޖެއިން މި ކޮންފަރެންސްގައި ބައިވެރިވިއެވެ. ކޮންފަރެންސްގެ މައި ޖަލްސާގައި ދިވެހިރާއްޖޭގެ ފަރާތުން ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވަނީ ޑރ. އަލީ ނަސީރުއެވެ.
ފްރާންސާއި ސަޢޫދީ ޢަރަބިއްޔާގެ ގުޅިގެން ރިޔާސަތު ބެލެހެއްޓި މި ކޮންފަރެންސް ބޭއްވިފައިވަނީ އދ.ގެ އާންމު މަޖިލީހުން ފާސްކޮށްފައިވާ "ޕީސްފުލް ސެޓްލްމަންޓް އޮފް ދަ ކުއެސްޗަން އޮފް ޕަލަސްޓައިން" މި ގަރާރުގެ ދަށުންނެވެ.
ފޮރިން މިނިސްޓްރީން ހާމަކުރި ގޮތުގައި، މި ބައްދަލުވުމުގައި ދިވެހިރާއްޖެއިން ބައިވެރިވުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް އަމާންކަމާއި ސުލްހަ ގެނައުމަށް ބައިނަލްއަގުވާމީ މުޖުތަމަޢު ކުރަމުންދާ މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭކަން ސާބިތުކޮށްދޭ ކަމެކެވެ.
ދިވެހިރާއްޖެއިން ވަރަށް ބާރުލައިގެން ވަކާލާތުކުރަމުން އަންނަނީ އދ.ގެ ގަރާރުތަކާ އެއްގޮތަށް ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމުކުރުމަށެވެ. މި ދައުލަތުގެ ސަރަހައްދަކީ 1967 ވަނަ އަހަރުގެ ކުރިން ކަނޑައެޅިފައިވާ ބޯޑަރުތަކާ އެއްގޮތްވާ ސަރަހައްދުކަމަށާއި، އިރުމަތީ ޖެރޫސަލަމަކީ ފަލަސްތީނުގެ ވެރިރަށްކަމަށް ކަނޑައެޅުމަށް ދިވެހިރާއްޖެއިން ދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ.
ކޮމެންޓު ފޮނުވާ