އެފްޑީސީން ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި އަލުން ސޮއިކުރަން ފަށައިފި

އެފްޑީސީން ގެދޮރުވެރިޔާ ފްލެޓްތަކުގެ އެއްބަސްވުންތަކުގައި އަލުން ސޮއިކުރަން ފަށައިފި

Author
ހުސައިން
29 ޖުލައި 2025 12:45
0

ގެދޮރުވެރިޔާ ސްކީމްގެ ދަށުން 4،000 ފްލެޓުގެ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް މިނިވަންދުވަހުގެ ބަންދަށްފަހު އެފްޑީސީން މިއަދު އަލުން ފަށައިފި އެވެ.

މި މަހުގެ 21 ވަނަ ދުވަހު ފެށި މި މަސައްކަތް މިދިޔަ ބުރާސްފަތި ދުވަހާ ހަމައަށް ކުރިއަށް ގެންދިޔައިރު، ބަންދާ ހަމައަށް 71 މީހަކާއެކު އެއްބަސްވުންތަކުގައި ސޮއިކޮށްފައިވެ އެވެ. ހައުސިން މިނިސްޓްރީން އިތުރު 2،665 މީހެއްގެ މައުލޫމާތު ފޮނުވާފައިވާތީ، އެ މީހުންނާއެކު ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށައިފައިވާ ކަމަށް އެފްޑީސީގެ މެނޭޖިން ޑައިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި އެވެ.

ސޮއިކުރުމުގައި ލަސްތަކެއް އުޅެނީ ބައެއް މީހުންގެ މައުލޫމާތު ފުރިހަމަ ނުވުމުންނާއި އައިޑީކާޑުފަދަ ލިޔުންތައް ސާފު ނުވުމުން ކަމަށް ހަމްދާން ވިދާޅުވި އެވެ. މި މައްސަލަ ހައްލުކުރުމަށް ހޭލުންތެރިކުރުމުގެ އިތުރު މަސައްކަތްތަކެއް ފެށުމަށް އެފްޑީސީން ނިންމައިފައިވެ އެވެ.

އެއްބަސްވުންތަކުގައި ސޮއިކުރަނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައި ރަސްމީ ބަންދު ނޫން ދުވަސްތަކުގެ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. ސޮއިކުރުމަށްފަހު ސެކިއުރިޓީ ޑިޕޮސިޓް ދެއްކުމުން ތަޅުދަނޑި ހަވާލުކުރެވޭނެ އެވެ. ދެ ކޮޓަރީގެ ފްލެޓްތަކަށް 15،000 ރުފިޔާ އާއި ތިން ކޮޓަރީގެ ފްލެޓްތަކަށް 25،000 ރުފިޔާ ދައްކަންޖެހޭނެ އެވެ.

ފްލެޓްތަކުގެ ކުލި މެއިންޓެނަންސް ފީއާއެކު ދެ ކޮޓަރީގެ އެޕާޓްމަންޓަށް 8،000 ރުފިޔާ އަދި ތިން ކޮޓަރީގެ އެޕާޓްމަންޓަށް 10،500 ރުފިޔާ އެވެ. އެއްބަސްވުމުގައި ސޮއިކުރުމާއެކު އަސާސީ ހިދުމަތްތަކަށް ރަޖިސްޓްރީކޮށްދޭނެ ނަމަވެސް، ފްލެޓްތަކަށް ވަދެވޭނީ އެޗްޑީސީން ދިރިއުޅުމުގެ ހުއްދަ ދިނުމުންނެވެ.

ސެޕްޓެމްބަރު މަހުގެ ނިޔަލަށް އެއްބަސްވުންތަކުގައި ސޮއިކޮށް ނިންމައި ދިރިއުޅުމުގެ ހުއްދަ ދޭން ފެށޭވަރު ވާނެ ކަމަށް އެފްޑީސީން ބުނެ އެވެ. ޓަވަރުތަކުގެ މަސައްކަތް ގާތްގަނޑަކަށް ނިމިފައިވާއިރު، މިހާރު ކުރިއަށްދަނީ އަސާސީ ހިދުމަތްތައް ގާއިމްކުރުމުގެ މަސައްކަތެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.