މަޖިލިސް މެންބަރުންގެ މަސައްކަތް މިންކުރަން ބިލުގެ އަދަދު ބަލާކަށް ނުޖެހޭ: މަޖިލީހުގެ އިދާރާ

މަޖިލިސް މެންބަރުންގެ މަސައްކަތް މިންކުރަން ބިލުގެ އަދަދު ބަލާކަށް ނުޖެހޭ: މަޖިލީހުގެ އިދާރާ

Author
ހުސައިން
29 ޖުލައި 2025 12:44
0

ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މަސައްކަތުގެ ފެންވަރު ބެލުމުގައި ހަމައެކަނި އެ މެންބަރަކު ސްޕޮންސަރކުރާ ބިލުތަކުގެ އަދަދަށް ބަލައިގެން ނުވާނެކަމަށް މަޖިލީހުގެ އިދާރާއިން ވިދާޅުވެއްޖެއެވެ.

ސޯޝަލް މީޑިއާގައި ފެތުރެމުންދާ ބައެއް މައުލޫމާތުތަކާ ގުޅިގެން މަޖިލީހުގެ އިދާރާއިން ނެރުއްވި ބަޔާނެއްގައި މިކަން ފާހަގަކުރައްވާފައިވެއެވެ. މިދިޔަ ދުވަސްތަކުގައި ސޯޝަލް މީޑިއާގައި އެންމެ ގިނަ ބިލު ހުށަހެޅި މެންބަރުންގެ ގޮތުގައި ބައެއް މެންބަރުންގެ ފޮޓޯ ޖަހައި، އެ މެންބަރުންނަށް މަރުޙަބާ ކިޔާ ޕޯސްޓުތަކެއް ދައުރުވަމުން ދިޔައެވެ. އަދި ބިލު ސްޕޮންސަރ ނުކުރާ މެންބަރުންގެ މަސައްކަތާމެދު ސުވާލު އުފައްދާ ޕޯސްޓުތައްވެސް ވަނީ ޝާއިޢުކޮށްފައެވެ.

މަޖިލީހުގެ އިދާރާއިން ވިދާޅުވީ، ގާނޫނުއަސާސީއާއި ގާނޫނުތަކުން މަޖިލީހާ ޙަވާލުކޮށްފައިވާ މަސްއޫލިއްޔަތުތައް އަދާކުރުމުގައި، މަޖިލީހުގެ މަސައްކަތްތަކުގެ މައުލޫމާތު ހާމަކަން ބޮޑު ގޮތެއްގައި ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް އާންމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާކަމަށެވެ.

މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ދުރަށް ދެއްކުމާއި ބްރޯޑްކާސްޓްކުރުމުގެ މަގްސަދަކީ ރައްޔިތުންގެ ހޭލުންތެރިކަން އިތުރުކުރުމާއި، ތެދު މައުލޫމާތު ފޯރުކޮށްދިނުމާއި، މަޖިލީހުގެ އުސޫލުތަކާއި ކަން ހިނގާގޮތް ރައްޔިތުންނަށް އަންގައިދިނުންކަމަށް އެ އިދާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން ގައުމުގެ އެކިއެކި ކަންކަމާ ބެހޭގޮތުން މަޖިލީހުގައި ދެކެވޭ ވާހަކަތަކާއި އެޅޭ ފިޔަވަޅުތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަކީވެސް މިކަމުގެ މަގްސަދެއްކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

މަޖިލީހުގެ ވެބްސައިޓުގައި މެންބަރުން ހުށަހަޅާފައިވާ ބިލުތަކާއި، ގަރާރުތަކާއި، މައްސަލަތަކާއި، ވަޒީރުންނާ ކުރާ ސުވާލުތަކާއި، މެންބަރުން ޝާމިލުވާ ކޮމިޓީތަކުގެ މައުލޫމާތާއި ތަފާސްހިސާބު ފެންނަން ހުރިކަން މަޖިލީހުގެ އިދާރާއިން ފާހަގަކުރިއެވެ.

މަޖިލީހުގެ މުހިންމު ގިނަ މަސައްކަތްތަކެއް ކުރިއަށްދަނީ ކޮމިޓީތަކުގައިކަން ފާހަގަކޮށް، މަޖިލީހުގެ އިދާރާއިން ވިދާޅުވީ މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީތަކުގެ މަސައްކަތްތައް ފުރިހަމަވާނީ ހުރިހާ މެންބަރުންގެ ބައިވެރިވުމާއެކުކަމަށެވެ. މެންބަރުންގެ މަސައްކަތް ދައްކުވައިދެނީ ހަމައެކަނި ބިލު ސްޕޮންސަރކުރާ އަދަދުން ނޫންކަމަށާއި، އެކި މަރުހަލާތަކުގައި މެންބަރުންގެ ބައިވެރިވުމާއި މަޝްވަރާ މުހިންމުކަން އެ އިދާރާއިން ވިދާޅުވިއެވެ.

މަޖިލީހުގެ މަސައްކަތްތަކާ ގުޅޭގޮތުން އާންމުކުރާ މައުލޫމާތުތައް ނަހަމަ ގޮތުގައި ބޭނުންނުކުރުމަށާއި، އާންމުންނަށް އޮޅުން އަރާގޮތަށް މައުލޫމާތު ނުފެތުރުމަށް މަޖިލީހުގެ އިދާރާއިން އިލްތިމާސްކޮށްފައިވެއެވެ. މައުލޫމާތު ހިއްސާކުރާއިރު ޒިންމާދާރުކަމާއެކު އެކަން ކުރުމަށާއި، އާންމުކުރުމުގެ ކުރިން އެއީ ތެދު މައުލޫމާތެއްކަން ކަށަވަރުކުރުމަށްވެސް އެ އިދާރާއިން ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.