ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން މާލެ ސަރަހައްދުގައި ހަވާއި އަރުވާނެ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ހާމަކޮށްފިއެވެ.
އެމްއެންޑީއެފުން ހާމަކުރި ގޮތުގައި މާދަމާ ރޭ 8:30 ގައި މާލޭގެ ވަށައިގެން ކަނޑުގެ 16 ސަރަހައްދަކުން އަދި ވައިގެ ބަނދަރު ކައިރީ 3 ސަރަހައްދަކުން 6 މިނެޓުގެ ވަގުތަށް ހަވާ އަރުވާނެއެވެ. މި ހަވާ އަރުވަނީ އާ ޓާމިނަލް ރަސްމީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގެ ބައެއްގެ ގޮތުގައެވެ.
ހަމަ އެއާއެކު މާދަމާ ރޭ 8:30 އިން 10:00 އާ ދެމެދު ވައިގެ ސަރަހައްދު ވަގުތީ ގޮތުން ބަންދުކުރުމަށް ނިންމާފައިވާ ކަމަށް ވެސް އެމްއެންޑީއެފުން ބުނެފައިވެއެވެ. މިއީ ރަސްމިއްޔާތުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އަޅާ ފިޔަވަޅެކެވެ.
72,000 އަކަމީޓަރުގެ ބޮޑުމިނުގައި އިމާރާތްކޮށްފައިވާ މި އާ ޓާމިނަލަކީ އަހަރަކު 7.5 މިލިއަން ފަސިންޖަރުންނަށް ޚިދުމަތް ދިނުމުގެ ގާބިލުކަން ލިބިފައިވާ ޓާމިނަލެކެވެ. މި ޓާމިނަލްގެ މަސައްކަތް ފެށީ 2016 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައެވެ.
ސައުދީ އަރަބިއްޔާގެ ބިން ލާދިން ގްރޫޕާ ހަވާލުކުރި މި މަޝްރޫޢުގެ މަސައްކަތް ކުރިއަށް ގެންދިޔައީ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ) އިންނެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞޯލިހުގެ ވެރިކަމުގައި ވެސް މި މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު، މިހާރުގެ ސަރުކާރުން މި ޓާމިނަލް ނިންމުމަށް ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުން ގެންދާ ކަމަށް ބެލެވެއެވެ.
ކޮމެންޓު ފޮނުވާ