މާލޭގައި ފުލުހުންގެ ޑްރަގް އެންފޯސްމަންޓާއި އިންޓެލިޖެންސް ޑިޕާޓްމަންޓް ގުޅިގެން ކުރިއަށް ގެންދިޔަ ޚާއްސަ އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން ފުލުހެއްގެ ބަންދު މުއްދަތު ކޯޓުން މިއަދު 10 ދުވަހަށް އިތުރުކޮށްފައިވެއެވެ.
މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވާ ފުލުހަކީ އދ. ކުނބުރުދޫ، ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ ކަމަށް ފުލުހުން މައުލޫމާތު ދިނެވެ. އޭނާގެ އިތުރުން ހއ. ދިއްދޫ، ހަޒާރުމާގެ، ސައިފުﷲ އަހުމަދު ވެސް މި މައްސަލައިގައި ހައްޔަރުކޮށްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުންގެ މައުލޫމާތު ދިން ގޮތުގައި މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މާލޭގެ ވިޔަފާރިވެރިންގެ މިސްކިތް ސަރަހައްދުންނެވެ. ހައްޔަރުކުރި ދެ މީހުންގެ ގައިން ބަލައިފާސްކުރިއިރު މަސްތުވާތަކެއްޗަށް ޝައްކުކުރެވޭ ތިން ރަބަރު ޕެކެޓާއި، ގާނޫނުން މަނާ ބޭސް ގުޅައެއް ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މިހާރު މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުން ގެންދާއިރު، ފުލުހެއްގެ މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނުމަކީ ފުލުހުންގެ އިދާރާއަށް ކަންބޮޑުވުމެއް ކުރިމަތިކުރުވާ ކަމެކެވެ.
ކޮމެންޓު ފޮނުވާ