ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކަށްފަހު ތަނުން ފިލައިގެން ދިޔަ ދެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި

ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކަށްފަހު ތަނުން ފިލައިގެން ދިޔަ ދެ ފަރާތެއް ހޯދުމަށް އިއުލާން ކޮށްފި

Author
ހުސައިން
24 ޖުލައި 2025 05:06
0

ހުޅުމާލޭގައި ހިނގި އެކްސިޑެންޓަކަށްފަހު ތަނުން ފިލައިގެން ދިޔަ ދެ ފަރާތެއް ހޯދުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއިން އިއުލާނެއް ކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ ހުޅުމާލެ ފޭސް 2 ގައި ހުންނަ ވިނަރެސް 1 އާ ކައިރި ރައުންޑް އެބައުޓް ސަރަހައްދުގައި ކާރަކާއި ޕިކަޕެއް ޖެހިގެންނެވެ.

ހާދިސާ ހިނގުމަށްފަހު ކަޅު ކުލައިގެ ކާރުގައި ސަވާރުވެފައި ތިބި ދެ ފަރާތުން އެތަނުގައި މަޑުނުކޮށް ދިޔަކަމަށް ފުލުހުން ބުނެއެވެ. ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަނުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާއިރު، އަދިވެސް އެ ދެ ފަރާތުގެ އައިޑެންޓިޓީ ދެނެގަނެވިފައި ނުވާކަމަށް ފުލުހުން ހާމަކުރެއެވެ.

ފުލުހުން މިއަދު ޝާއިއުކުރި ސީސީޓީވީ ފުޓޭޖުން ފެންނަ ގޮތުގައި، އެކްސިޑެންޓް ހިނގުމަށްފަހު ކަޅު ކާރު މަޑުކޮށް، ދެ ފަރާތެއް ކާރުން ބޭރަށް ނުކުމެ، ކާރަށް ލިބިފައިވާ ގެއްލުން ބަލާފައި އެތަނުން ދިޔަ މަންޒަރު އެނގެއެވެ.

މި ދެ ފަރާތާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތަކުން ހުޅުމާލެ ޓްރެފިކް ޕޮލިސް އިންވެސްޓިގޭޝަންގެ 9772111 ނަންބަރަށް ގުޅައި މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން އެދެއެވެ. މިފަދަ މައްސަލަތައް ބެލުމުގައި ރައްޔިތުންގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށް ފުލުހުން ޝުކުރު އަދާކޮށްފައިވެއެވެ.

އެކްސިޑެންޓުތަކުގައި ބައިވެރިވާ ފަރާތްތަކުން އެތަނުގައި މަޑުނުކޮށް ފިލައިގެން ދިއުމުގެ މައްސަލަތައް މާލެ ސަރަހައްދުގައި އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ. ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2024 ވަނަ އަހަރުގެ ފުރަތަމަ ހަ މަހުގެ ތެރޭގައި މާލެ ސަރަހައްދުގައި 1101 އެކްސިޑެންޓް ރިކޯޑު ކުރެވިފައިވާއިރު، މީހަކަށް ނުވަތަ އުޅަނދަކަށް ގެއްލުން ދިނުމަށްފަހު މަޑުނުކޮށް ފިލައިގެން ދިޔުމުގެ 91 ހާދިސާއެއް ރިޕޯޓު ކުރެވިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.