އިންޑިއާއިން ރާއްޖޭގެ ތަރައްޤީއަށް އެހީވަނީ ރާއްޖޭގައި އެވަގުތަކު އޮންނަ ސަރުކާރެއްގެ ޕާޓީގެ ކުލައަށް ބަލައިގެން ނޫން: ޝާހިދު

އިންޑިއާއިން ރާއްޖޭގެ ތަރައްޤީއަށް އެހީވަނީ ރާއްޖޭގައި އެވަގުތަކު އޮންނަ ސަރުކާރެއްގެ ޕާޓީގެ ކުލައަށް ބަލައިގެން ނޫން: ޝާހިދު

Author
ހުސައިން
24 ޖުލައި 2025 11:31
0

އިންޑިއާއިން ރާއްޖޭގެ ތަރައްޤީއަށް އެހީވަނީ ރާއްޖޭގައި އެވަގުތަކު އޮންނަ ސަރުކާރެއްގެ ޕާޓީގެ ކުލައަށް ބަލައިގެން ނޫން ކަމުގައި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމް.ޑީ.ޕީ)ގެ ރައީސް އަދި ކުރީގެ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އޭ.އެން.އައި އަށާއި ވިއޯންއަށް އިއްޔެ ދެއްވި އިންޓަވިއުތަކެއްގައި ޝާހިދު ވިދާޅުވީ އިންޑިއާއަކީ ރަހުމަތްތެރިއެއްކަން ދިވެހި ސަރުކާރުން މިހާރު ޤަބޫލުކޮށްފިކަމުގެ ނިޝާންތައް ފެންނަކަމަށެވެ. އަދި އިންޑިއާއަކީ އަވަށްޓެރި ޤައުމުތަކަށް ރަނގަޅަކަށް މަސައްކަތްކުރާ ޤައުމެއްކަމަށާއި، އެކަމުގައި ނުބައި ނިޔަތެއް ނެތްކަމަށް މިއަދުގެ ދިވެހި ސަރުކާރުން ޤަބޫލުކުރާކަން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ރާއްޖޭގެ މިނިވަންދުވަހުގެ މުނާސަބަތަށް ރާއްޖެއަށް ވަޑައިގަތުމަށް ދައުވަތު އެރުވުމުން ހާމަވާކަމަށެވެ.

މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅަކީ ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވެ، ހަރުދަނާވެގެން ދާނެ ދަތުރުފުޅަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށާއި، މިއީ އާ ފެށުމަކަށް ވާނެކަމަށް އުއްމީދުކުރައްވާކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އަދި ޤައުމުތަކާއެކު ރަހުމަތްތެރިކަން ބޭއްވޭނީ، ވަގުތީ ސިޔާސީ ބޭނުމަށް އަވަށްޓެރި ގައުމުތަކާ ޖެހިގަތުން ހުއްޓާލައިގެންކަން ސިޔާސީ ޕާޓީތަކާއި ސިޔާސީ ބޭފުޅުން ގަބޫލުކުރަންވެއްޖެކަމަށާއި، ޤައުމުތަކާއެކު މަސައްކަތްކުރެވޭނީ އިޚްލާސްތެރިކަމާއެކު ގުޅުން ބާއްވައިގެންކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

ވިއޯންއަށް ދެއްވި އިންޓަވިއުގައި ޝާހިދު އިތުރަށް ވިދާޅުވީ، އިންޑިއާއިން ރާއްޖޭގެ ތަރައްޤީއަށް އެހީވަނީ ރާއްޖޭގެ ސަރުކާރުގައި އޮންނަ ޕާޓީގެ ކުލައަށް ބަލައިގެން ނޫންކަމަށާއި، ހުއްޓުމެއް ނެތި ތަރައްޤީއަށް އެހީވަނީ ދިވެހިންނާ އިންޑިއާއާ ދެމެދު އޮންނަ ގުޅުމުގެ ސަބަބުން ކަމަށެވެ. އެމް.ޑީ.ޕީގެ ސަރުކާރުގައި އިންޑިއާގެ އެހީގައި ފަށާފައިވާ ބައެއް މަޝްރޫޢުތައް ނިންމައި، ބޮޑުވަޒީރު ނަރެންދްރަ މޯދީގެ މި ދަތުރުފުޅުގައި އެ މަޝްރޫޢުތައް އިފްތިތާޙްކޮށްދެއްވާނެކަން ޝާހިދު ފާހަގަކުރެއްވިއެވެ.

ހަމައެއާއެކު، އަޅުގަނޑުމެންގެ އަވަށްޓެރިންގެ ގޮތުގައި މިއޮތީ ދުނިޔޭގެ 5 ވަނައަށް އެންމެ ބޮޑު އިޤްތިޞާދުކަމަށާއި އިންޑިއާގެ އިޤްތިޞާދަށް އަންނަ ކުރިއެރުމުގެ ފައިދާ އަޅުގަނޑުމެންނަށް ހޯދެން ޖެހޭނެކަމަށްވެސް ޝާހިދު ވިދާޅުވިއެވެ. އެހެންނަމަވެސް، ސިޔާސީ ބޭނުމަކަށްޓަކައި މިއަދުގެ ސަރުކާރުގައި ތިބި ބަޔަކު ކުރި ކަމެއްގެ ސަބަބުން ދެގައުމުގެ ގުޅުން ބޮޑުތަނުން ހީނަރުވެގެން ދިޔަކަން އެއީ ހިތާމަކުރައްވާ ކަމެއްކަމަށް ކުރީގެ ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.