ޕޮލިސް އޮފިސަރުން ވަކިކުރި މައްސަލައިގައި ދައުލަތުގެ އިސްތިއުނާފް ހައިކޯޓުން ބާޠިލްކޮށްފި

ޕޮލިސް އޮފިސަރުން ވަކިކުރި މައްސަލައިގައި ދައުލަތުގެ އިސްތިއުނާފް ހައިކޯޓުން ބާޠިލްކޮށްފި

Author
ހުސައިން
24 ޖުލައި 2025 11:06
0

ޕޮލިސް ބޯޑުން ވަކިކުރި އޮފިސަރުންގެ މައްސަލައިގައި ދައުލަތުން ހައިކޯޓަށް ހުށަހެޅި އިސްތިއުނާފް އެ ކޯޓުން އިއްޔެ ބާޠިލްކޮށްފައިވެއެވެ. މިދިޔަ ސަރުކާރުގައި ޕޮލިސް ބޯޑުން ފުލުހުންގެ އިސް ހަތް އޮފިސަރަކު ވަކިކުރުމަށް ނިންމުމާ ގުޅިގެން، އެއިން ފަސް އޮފިސަރަކު ސިވިލް ކޯޓަށް ޝަކުވާ ހުށަހަޅާފައިވެއެވެ.

ސިވިލް ކޯޓުން އެ އޮފިސަރުންނަށް ވަޒީފާ އަނބުރާ ދިނުމަށް ކުރި ޙުކުމާ ގުޅިގެން، އެޓާނީ ޖެނެރަލް އޮފީހުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވެއެވެ. މިހާރުގެ ސަރުކާރާ އެކު، އާ ޕޮލިސް ބޯޑުން ކުރީގެ ނިންމުން ބަދަލުކޮށް އޮފިސަރުންނަށް ފުރުޞަތު ދިނުމަށް އެޓާނީ ޖެނެރަލް އޮފީހުގައި އެދުނު ނަމަވެސް، އިސްތިއުނާފްގެ މައްސަލަ ކުރިއަށް ގެންދިޔައެވެ.

މައްސަލަ ބެލި ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު އަބްދުއްމާނިޢު ޙުސައިނާއި ފަނޑިޔާރު ޙަސަން ޝަފީޢުގެ އަޣުލަބިއްޔަތުން މައްސަލަ ބާޠިލްކުރުމަށް ނިންމެވިއެވެ. މި ނިންމެވުމުގެ މައިގަނޑު ސަބަބަކީ، އިސްތިއުނާފް ހުށަހެޅި ސިވިލް ކޯޓުގެ ޙުކުމް ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ހައިކޯޓުން ހޯދުމަށްފަހު، ވަކިކުރަން ނިންމި ބައެއް އޮފިސަރުން ވަޒީފާގައި ބައިތިއްބަން ޕްރޮމޯޝަން ދީފައިވުމެވެ.

އަދި ދައުލަތުގެ ސްޓޭންޑަކީ ސިވިލް ކޯޓުގެ ޙުކުމް ގޯސްވުން ކަމަށް ބުނި ނަމަވެސް، ދައުލަތުން އަމަލުކޮށްފައިވަނީ އެ ސްޓޭންޑާ ޚިލާފަށް ކަމަށް ފަނޑިޔާރުން ފާހަގަކުރެއްވިއެވެ. މިއީ ޝަރީޢަތުގެ ނިޒާމު ނަހަމަ ގޮތުގައި ބޭނުންކުރުން ކަމަށް ފަނޑިޔާރުން ނިންމެވިއެވެ.

ބެންޗުގައި ހިމެނިވަޑައިގަންނަވާ ފަނޑިޔާރު މުޙައްމަދު ޝަނީޒު ޢަބްދުﷲ ވެސް ޝަރީޢަތުގެ ނިޒާމު ދައުލަތުން ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ދެކިވަޑައިގަންނަވައެވެ. އެހެންނަމަވެސް އެމަނިކުފާނުގެ ރައުޔުގައި ވަނީ އެއީ މުޅި މައްސަލަ ބާޠިލްކުރަން ޖެހޭ ސަބަބެއް ނޫން ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.