ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ރައްޔިތުން ހުށަހަޅާ ބޭނުންތަކުގެ ދިގު ލިސްޓުތައް ފެނުނީ، ކުރީގެ ސަރުކާރުތަކުން އެ ކަންކަމަށް ސަމާލުކަން ނުދިނުމުގެ ސަބަބުން ކަމަށް އެ މަނިކުފާނު މިއަދު ވިދާޅުވެއްޖެއެވެ.
ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މިއަދު ޅޮއްސަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ ބައްދަލުކުރެއްވުމަށްފަހު ރައީސް ވިދާޅުވީ، ރައްޔިތުން ހުށަހަޅާ ކަންތައްތަކުގެ ލިސްޓު ދިގުކަމުން އެއީ މައްސަލައެއް ނޫން ކަމަށެވެ. އެ މަނިކުފާނު ފާހަގަކުރެއްވީ، މުއައްސަސާތަކުގެ ވެރިންނާ ބޭއްވި ބައްދަލުވުމުގައި ހުށަހެޅުނު ލިސްޓު ދިގުވެފައި އޮތީ، ކުރީގައި އެ ކަންކަމަށް ޒިންމާދާރުވި ފަރާތްތަކުން އެކަށީގެންވާ ސަމާލުކަމެއް ނުދިނުމުގެ ސަބަބުން ކަމަށެވެ.
"އަޅުގަނޑުމެންގެ ޒިންމާއަކަށް ވާނީ ދެން އެ ކަންކަން ވަރަށް ސަމާލުކަން ދީގެން ކޮށްދިނުން. އިރާދަކުރެއްވިއްޔާ މި ސަރުކާރުން ޅޮހީގެ ރައްޔިތުންގެ ދިގު ލިސްޓު ކުރުކޮށްދޭނަން. އަދި އިރާދަކުރެއްވިއްޔާ އެއްކޮށް ނިންމައިދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ޅޮހީގެ ރައްޔިތުންނަށް އިތުރު ޔަގީންކަން ދެއްވަމުން ވިދާޅުވީ، ރަށުގެ ބަނދަރުގެ މަސައްކަތް ކުރިއަށްދާއިރު ރައްޔިތުން އެދޭ ބަދަލުތައް ގެނެސްދެއްވާނެ ކަމަށެވެ. އަދި ސްކޫލުގެ ޖާގަ އިތުރުކޮށް، ވަސީލަތްތައް ގާއިމްކުރުމާއި، ޓޫރިޒަމް ކުރިއަރުވާނެ ގޮތަށް ރިންގު ރޯޑު ހެދުމާއި، ސާފް ޕޮއިންޓު ބައިނަލްއަގުވާމީ ފެންވަރަށް ތަރައްގީކުރުމުގެ އިތުރުން، ސިއްހީ ޚިދުމަތްތައް ފުޅާކޮށް، ކުޑަކުދިންގެ ޕާކެއް ހެދުމަށްވެސް ރައީސް ވަޢުދުވެ ވަޑައިގަތެވެ.
ރައީސް ވިދާޅުވީ ދެން ޅޮއްސަށް ވަޑައިގަންނަވާނީ މި މަޝްރޫޢުތައް ނިމި، އެ ކަންތައްތަކުގެ އުފާ ރައްޔިތުންނާ ހިއްސާކުރުމަށް ކަމަށެވެ.
ކޮމެންޓު ފޮނުވާ