އއ. މާޅޮހުގައި ވަރަށް ރަހުމްކުޑަ ގޮތަކަށް ހަމަލާދީ މަރާލި އުމުރުން 65 އަހަރުގެ އަބްދުއްރަހްމާން އާދަމްގެ ހަށިގަނޑު އޮޓޮޕްސީ ކުރުމަށްފަހު މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. އަދި މިއަދު މެންދުރު ނަމާދަށްފަހު އަބްދުއްރަހްމާންގެ ޖަނާޒާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ފުލުހުން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވަނީ، އިންޑިއާގެ ތިރުވަނަންތަޕުރަމްގައި އޮޓޮޕްސީ ހެދުމަށްފަހު އަބްދުއްރަހްމާންގެ ހަށިގަނޑު މާލެ ގެނެސްފައިވަނީ ޖުލައި 23 ވަނަ ދުވަހުގެ ހަވީރު ކަމަށެވެ. އެ ދުވަހުގެ 19:50 ގައި ހަށިގަނޑު މޯޗަރީ އަށް ލައިފައިވާ ކަމަށް ފުލުހުން ބުނެއެވެ. އޮޓޮޕްސީ ހެދުމަށް އަބްދުއްރަހްމާންގެ ހަށިގަނޑު އިންޑިއާ އަށް ފޮނުވާލާފައިވަނީ މި މަހުގެ 21 ވަނަ ދުވަހުއެވެ.
މި ދިލްގިރު ހާދިސާ ހިނގާފައިވަނީ މި މަހުގެ 12 ވަނަ ދުވަހުގެ ދަންވަރު ވަގުތެއްގައި އަބްދުއްރަހްމާން ނިދާފައި ހުރިހިނދުއެވެ. ލިބިފައިވާ މައުލޫމާތުގައިވާ ގޮތުން އަބްދުއްރަހްމާންގެ ބޮލަށް ވަރަށް ބާރަށް ހަމަލާދީފައިވާތީ ބޮލުގެ ބޮޑުބައި ޗިސްވެފައިވާ ކަމަށާއި، އޭނާ މަރަށް ތެޅެނިކޮށް ފެނިފައިވަނީ އޭނާގެ އަންހެނުންނަށް ކަމަށް މައުލޫމާތު ލިބެއެވެ. އަބްދުއްރަހްމާންގެ ތިން ދަރިން ތިއްބެވި ނަމަވެސް، ހާދިސާ ހިނގި ވަގުތު އެއްވެސް ދަރިއަކު ރަށުގައި ނެތް ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން މާޅޮހުގެ މީހަކު ބުނި ގޮތުގައި އަބްދުއްރަހްމާންއަކީ ހުރިހާ މީހުންނަށް ވެސް ވަރަށް ރަނގަޅު މީހެއް ކަމަށާއި، އޭނާއާ އެއްވެސް މީހަކާ މައްސަލައެއް ޖެހިފައި ނުވަތަ ރުޅިވެރިކަމެއް އޮތް ކަމެއް ނޭނގޭ ކަމަށް ވެސް އެ މީހާ ބުންޏެވެ. މި ހާދިސާގައި އަބްދުއްރަހްމާންއަށް ދީފައިވާ އަނިޔާތަކުގެ ބާވަތަށް ބަލާއިރު، މިއީ އޭނާ މަރާލުމުގެ ނިޔަތުގައި ކޮށްފައިވާ ކަމެއް ކަމަށް ރަށު މީހުން ގަބޫލުކުރާ ކަމަށް ވެސް މައުލޫމާތު ލިބެއެވެ.
ކޮމެންޓު ފޮނުވާ